ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު އިއުލާނުކުރި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދެނީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެ އިމާރާތްތަކުގައި ކުޑަދޮރުތަކާއި ބެލްކަނި ރެއިލިން ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައިވާކަން އެކުންފުނިން ވަނީ ބުރާސްފަތި ދުވަހު ބުނެފައެވެ.
އެއާއެކު، އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި އެހީތެރިކަމަށް އެދެން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޗްޑީސީއަށް އެންގުމަށް ވަނީ އެދިފައެވެ.
މި ކަމަށް އެދި ހުށަހެޅުމަށްޓަކައި ޚާއްސަ ގޫގުލް ފޯމެއް އެޗްޑީސީން ވަނީ ތައްޔާރުކޮށްފައެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެ ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން މިހާރު ލިބެން ހުންނާނެއެވެ.
އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން، މި ނިންމުމަކީ އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނިންމި ނިންމުމެކެވެ.
އެއްމެދު އިމާރާތްތަކުގެ ބެލްކަނި މަރާމާތުކުރަން އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ދެ ހާދިސާއެއް ކައިރިކައިރީގައި ހިނގާފައި ވަނިކޮށެވެ. އެގޮތުން ހިނގި އެއް ހާދިސާގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!