އެގުރޯ މާޓު ފިހާރައިން ބޮލުގައިލާ ސާމާނު ބަހައްޓާފައި ހުރި ހަރަކުން ހަތަރު ފުޅި ތެޔޮ ވަގަށް ނެގި މީހެއްގެ ވީޑިއޯ އެ ފިހާރައިން އާންމުކޮށްފި އެވެ.
އާންމުކޮށްފައިވާ ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ކޮތަޅެއް ހިފައިގެން އެ ފިހާރައަށް ވަން މީހަކު ވަނީ އެކި ވައްތަރުގެ ތެޔޮތައް ބަހައްޓާފައި ހުރި ހަރެއްގެ ކައިރިއަށް ގޮސް، ވަރަށް ސިއްރުން ހަތަރު ފުޅި ތެޔޮ ނަގައި ކޮތަޅަށް ލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ މި ވައްކަން ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވަގަށް ނަގާފައިވަނީ ހަމައެކަނި އިންޑިއާގެ ބްރޭންޑެއްގެ ރަތްކުލައިގެން ފޮއްޓަކަސްލާަފައިވާ "ނަވަރަތުނާ" ބުރޭނޑުގެ ތެޔޮ އެކަންޏެވެ. އެހަރުގައި އެހެން ބުރޭންޑުގެ ތެޔޮތައްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ. "ނަވަރަތުނާ" ބުރޭންޑުގެ ތެލައކީ ބޮލުގައި ރިއްސުމާއި ބޮލުގައި އިސްތަށި ފެޅުމަށް އާންމުން ބޭނުންކުރާ ތެލެއްކަން ފާހަގަކޮށްލެވެއެވެ.
ވައްކަން ކުރި މީހާގެ ބޯ ހުރީ ތަލަކޮށެވެ. ނަމަވެސް އެއީ ބޮލުގައި އިސްތަށި ނުފަޅާތީ ކަމެއް ނުވަތަ ބޯ ބާލާފައި ހުރުމުގެ ސަބަބުން ކަމެއް ސާފުވާނީ ކަމާބެހޭ އިދާރާތަކުން މައްސަލަ ތަޙުޤީޤު ކުރުމުންނެވެ.
މި މައްސަލައާ ގުޅިގެން އެގުރޯ މާޓުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުކުރު ދުވަހުގެ ހެނދުނު އެ ފިހާރައިން ފައިސާ ނުދައްކައި ހަތަރު ފުޅި ތެޔޮ ނަގައިގެން ދިޔަ މީހާ ހޯދުމަށް "ތެފްޓް އެލާޓް" ނެރެފައެވެ. އަދި އެ މީހާ ވަކިކުރަން އެނގޭ ނަމަ އެ ފިހާރައަށް ޕްރައިވެޓްކޮށް މެސެޖު ކުރުމަށްވެސް ވަނީ އެދިފައެވެ.
މި ކަމާ ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެފިހާރައިން ބުނީ، އެ މީހާއާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ފުލުހުންނަށް މައްސަލަ ހުށަނޭޅި ސަބަބެއް ކަމަށް އެ ފިހާރައިން ބުނީ، ވަގަށް ނެގި ހަތަރު ފުޅީގެ އަގު ހޯދަން ކުރަންޖެހޭ މަސައްކަތަށްވުރެ، ފުލުހުންނަށް މައްސަލަ ހުށަހައްޅައިގެން ހޭދަކުރަންޖެހޭ ވަގުތު ގިނަވާނެތީ ކަމަށެވެ.
އެގުރޯ މާޓުން ވަނީ ތެޔޮ ބޭނުންވާ ފަރާތްތަކަށް އެ ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވޭނެކަން ފާހަގަކޮށް، ފިހާރައިން ފައިސާ ނުދައްކައި ތެޔޮތައް ގެންދިޔަ މީހާގެ ވީޑިއޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!