ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ގާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
މީޑިއާތަކާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެންދާއިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާނެ އިންފްރާސްޓްރަކްޗަރތަކާއި މެއިންޕަވާރ ގާއިމްވެގެންދާނެ ކަމަށެވެ. އަދި ފުލުހުންނަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަމްރީނުތައްވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މިއަދަކީ ވަރަށް މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި ވަޒީރު އިޙްސާން ވިދާޅުވީ، "އަސްކަރީ ޚިދުމަތެއްގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް އޮތުމަށް ފަހުގަ މިބަދަލުވެގެން އައި މަދަނީ ޚިދުމަތަކަށް. ފާއިތުވި 22 ވަރަކަށް އަހަރަށް ބަލާލާއިރު މުޅި ދިވެހިރާއްޖެގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް އަދިކިރިޔާ މިގާއިމްވެގެން މިދިޔައީ. އަޅުގަނޑު ފާހަގަކޮށްލާނަން ސަރުކާރާ ހަވާލުވިއިރު އެންމެ 17 ރަށެއްގަ ފުލުހުންގެ ޚިދުމަތް ދެމުން އައީ،" ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތް 22 އަހަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް، މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތުމުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނާ ހިސާބަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ. ނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސު މިހާރު ވަމުންދާ ކަމަށާއި، ފުލުހުންނަށް ބޭނުންވާ ދާއިރާތަކުން ޚާއްސަ ތަމްރީނުތައްވެސް ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް ކުރިއަށް މިއޮތް އަހަރަކީ ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަސްތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ އާއިލާތަކަށް ދަންނަވާފައެވެ. މިއަދު ކުރިއަށްދިޔަ ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!