ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "ޕޮލިސް ފެމިލީ ނައިޓް" ގައި، މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ބޮޑުޢީދުގައި ބޮޑު މަގުބޫލްކަމެއް ހޯދި ހއ. ބާރަށަށް އުފަން ޝިޔާމަކީ ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. ނެށުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަށްވާކަމަކަށްވާއިރު، ޝިޔާމްގެ އަނބިކަނބަލުންގެ ރަށް ރ. އުނގޫފާރުގައި މިއަހަރު ބޮޑު އީދުގައި އޮތް އީދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ތެރެއިން ޝިޔާމްގެ ހުށަހެޅުން ''ވިޔަސްހެވޭ ނުވިޔަސްހެވޭ'' އަށް މުޅިރާއްޖޭގެ ލޯ ހުއްޓި ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ޝިޔާމް ވަނީ މިއަހަރުގެ ގައުމީ ދުވަހު އޭނާގެ އުފަން ރަށް ބާރަށުގައި ވެސް ފޯރިގަދަ އައިޓަމްތަކެއް ހުށަހަޅައިދީފައެވެ.
"ޕޮލިސް ފެމިލީ ނައިޓް"ގައި ޝިޔާމްގެ އިތުރުން މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މި ފެމިލީ ނައިޓަކީ، ސަގާފީ ނެށުންތަކާއި، ބޮޑުބެރުގެ އިތުރުން ތަފާތު މުނިފޫހިފިލުވުމުގެ ގިނަ އައިޓަމްތަކެއް ފެނިގެންދާނެ ފޯރިގަދަ ރެއެކެވެ.
ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރީގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބާރަށު ޝިޔާމްގެ އިތުރުން، ރާއްޖޭގެ މަޝްހޫރު "ހަބޭސް ބޮޑުބެރު ގްރޫޕް" އަދި "އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބޮޑުބެރު ގްރޫޕް" ގެ ހިތްގައިމު އަދި ފޯރިގަދަ ހުށަހެޅުންތައް މި ރޭގެ ތެރޭގައި ފެނިގެންދާނެއެވެ.
މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ޚާއްސަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް މި ސްޓޭޖުން ފެނިގެންދާނެއެވެ. މި ޝޯ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ.
ފުލުހުންގެ ދުވަހުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް
މި ފެމިލީ ނައިޓަކީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ހަރަކާތެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި "އެކުވެރިކަމުގެ ހިނގާލުން" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު 4:00 އިން 6:00 އަށް އާންމުކޮށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދީއްތަ ދުވަހުއެވެ.
ފުލުހުންގެ މުވައްޒަފުންގެ ހުނަރުތަކާއި، ސަގާފީ ބޮޑުބެރު އެއްތަންވެގެންދާ މި ފެމިލީ ނައިޓް ވެގެންދާނީ ފުލުހުންގެ ބޮޑު އާއިލާގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދޭނެ ވަރަށް ކުލަގަދަ އަދި އުފާވެރި ރެޔަކަށެވެ. އަދި މި ފެމިލީ ނައިޓް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!