''ހއ.އުލިގަމުން ދަނޑުބިން ދޫކުރުމާއި، ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު" ގެ ދަށުން އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު އުލިގަމު ކައުންސިލުން، އާންމުކޮށް ހުޅުވާލައިފިއެވެ.

އާންމު ދަނޑުވެރިކަމަށް ދޫކުރާ ދަނޑުބިމަށް އެދޭއިރު، "ދަނޑުބިމަށް އެދޭ ފޯމް" އާއެކު ގޭބިސީ އަންގައިދޭ ލިޔުން (ކަރަންޓް ބިލު ނުވަތަ ފެންބިލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ)، އަދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ގޭބިސީގެ ވެރިޔާގެ ހުއްދަ ހުށަހެޅުމަށް، ކައުންސިލުގެ އިޢުލާނުގައި އެދިފައިވެއެވެ.

Ad
rt

މީގެއިތުރުން ކައުންސިލުން ބުނެފައިވަނީ، ވިޔަފާރި ގިންތީގެ ދަނޑުބިމަށް އެދޭ ފަރާތްތަކުން "ދަނޑުބިމަށް އެދޭ ފޯމް" އާއެކު ވިޔަފާރި، ކުންފުނި ނުވަތަ ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެކަމަށެވެ.

ދަނޑުބިން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޫކުރާ "ދަނޑުބިމަށް އެދޭ ފޯމް" އުލިގަމު ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. މީގެއިތުރުން، އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 13:30 އާ ދެމެދު އެ އިދާރާގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެ އިދާރާގެ ނަންބަރު 6501014 ފޯނަށް ރަސްމީ ގަޑީގައި ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.