ހދ. ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށުގެ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި، ފަޅު ގޯތިތަކުގައި ވިނަފަޅައި، ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި ދަނީ އާލާވަމުންނެވެ.
މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި، ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހުރުމުގެ ސަބަބުން، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ވެސް އެ ކައުންސިލުން އާއްމުކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.
ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާންކަމާއެކު ފަސޭހައިން ބޭނުންކުރެވޭނެ ތަންތަނަށް ހެދުމުގެ މަޤްޞަދުގައި އެ ކައުންސިލުންވަނީ އިސްވެ ބަޔާންކޮއްފައިވާ ކަންތައްތައް ޙައްލުކުރުމަށް ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.
އެހެންކަމުން، ކުމުންދޫ ކައުންސިލްގެ "މަގުމަތި ކުނިކެހުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2019/R-185) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ ފަރާތަކުންވެސް އެ ފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި، އެ ގޯއްޗަކާ ވީ ފަޅީގެ މަގުގެ ދެބައިކުޅައެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓެވުމަށް ކައުންސިލުން އެދިފައިވެއެވެ.
ހަމައެއާއެކު، "އާންމު އުނދަގުލާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2019/R-193) ގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމަށާއި، އާއްމުކޮއްފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރެއްވުމަށް އެންމެހައި ރައްޔިތުންނަށް ކައުންސިލުން އިލްތިމާސްކޮއްފައިވެއެވެ.
އެހެންކަމުން އިސްވެ ދެންނެވުނު ފަދަ، ގޯތިތަކުގެ ވެރިފަރާތްތަކުންނާއި ވާރުތަވެރިން، 01 ސެޕްޓެންބަރު 2026ން ފެށިގެން 20 ދުވަހުގެ ތެރޭގައި، އެ ގޯތިތަކާއި ގޯއްޗާ އިންވެގެންވާ މަގުފަޅި ސާފުކުރުމަށް، ކައުންސިލުން އެދިފައިވެއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތަށް ބަހައްޓާފައިވާ މުދަލާއި ތަކެތި ވެސް މި މުއްދަތުގެ ތެރޭގައި ނަގައި، މަގުމަތި ސާފުކުރުމަށް އެ ކައުންސިލުންވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
މީގެއިތުރުން ކުމުންދޫ ކައުންސިލުން ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި މި އެންގުމާ އެއްގޮތަށް ޢަމަލުނުކުރައްވާ ފަރާތްތަކާމެދު، ޤާނޫނާއި ޤަވާޢިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!