ހދ. ހިރިމަރަދޫއާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމުން ބުނީ އެމްޑީޕީގެ ފަރާތުން ހުށަހެޅި މައްސަލަ މިހާރު ރަޖިސްޓްރީކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Ad
rt

މި މައްސަލަ ހުށަހެޅުއްވުމަށްފަހު މިދިޔަ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ދެނެގަތުމަށްޓަކައި 'ފެކްޓް ފައިންޑިން' މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން ފާހަގަވި މުހިންމު ކަންކަމާއި ހޯދުންތައް އެޗްއާރްސީއެމާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިރިމަރަދޫގެ އިދާރީ ކަންކަން ބެލެހެއްޓުން ހދ. ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަން އެންމެ އެދެވޭ ގޮތެއްގައި ނުހިނގާކަން އެމްޑީޕީގެ ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކަށް ބުރޫއަރަމުންދާ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.

އެމްޑީޕީން އެދިފައި ވަނީ ހިރިމަރަދޫއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް، އެ ރަށުގެ އިދާރީ ހިންގުން އަލުން އިއާދަކޮށް ކައުންސިލެއް އިންތިހާބު ކުރުމަށެވެ. އަދި އެ ގަރާރު ބާތިލު ނުކުރާނަމަ، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި 180 ހައުސިން ޔުނިޓް ބިނާކޮށް، ހިރިމަރަދޫ ރައްޔިތުން އެ ރަށަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ހަނިމާދޫގައި ގެތައް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް އަދިވެސް ނިމިފައި ނުވާތީ، ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނުނިމިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން އެ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 24 އޯގަސްޓް 2025 ގައެވެ. އެއާއެކު ހަނިމާދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއަށްފަހު، 8 ޖެނުއަރީ 2026 ގައި ހިރިމަރަދޫ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ކަނޑައަޅައި، އެންމެ ފަހުން ބޭއްވި ލޯކަލް އިންތިހާބުގައި އެ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، 17 މޭ 2026 އިން ފެށިގެން އެ ރަށުގެ ކައުންސިލް އުވާލައްވާފައެވެ.