ށ. ނަރުދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ނަރުދޫ ރައްޔިތުންނަށް މުޅިން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަރުދޫ އތމ ކޮމެޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

އެހެންކަމުން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަރުދޫ ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ.

ނަރުދޫ ރައްޔިތުންނަށް ތަފާތު ހަރަކާތްތައް ހިންގަމުން އަންނައިރު، އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެ ކައުންސިލުން ވަނީ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމެއް ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.