އީރާނުގެ ދެކުނުގައި ކައިވެނި ހަފުލާއެއް ބާއްވަމުން ދިޔަ އާންމުން ދިރިއުޅޭ ގެއަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއް އަރައި، އާންމުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ ކަމަށް އީރާނުގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ހޮރްމޮޒްގާން ޕްރޮވިންސްގެ ކޫހެސްތަކް ސިޓީގައެވެ.

Ad
rt

ހޮރްމޮޒްގާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު ނަފީސީ ފުރަތަމަ ވިދާޅުވީ، ކައިވެނި ހަފުލާގައި ބައިވެރިވި މީހުންގެ ތެރެއިން ދެ މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވި ކަމަށެވެ. ނަމަވެސް އީރާނުގެ ރެޑް ކްރެސެންޓުން ފަހުން ބުނެފައިވަނީ މިސައިލް އެޅުމުގެ ސަބަބުން ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށެވެ. މީޑިއާގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު 63 އަށް އަރައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވަނީ މި ހަމަލާއަކީ "ވަރަށް އަނިޔާވެރި" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، މިއަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ސަލާމަތްވި ކުޑަކުއްޖަކު ފާރސް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، ވަރުގަދަ ގޮވުމެއް ގޮވުމުގެ ކުރިން އަސްކަރީ މަތިންދާބޯޓުތަކުގެ އަޑު އިވުނު ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ، ސެޕްޓެމްބަރު 1 ވަނަ ދުވަހު ދިން ހަމަލާތަކަކީ އައިއާރުޖީސީގެ އަސްކަރީ އަމާޒުތަކަށް ދިން ހަމަލާތަކެއް ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ދުވަހަކުވެސް އާންމުންނަށް އަމާޒުކޮށް ހަމަލާނުދޭނެ ކަމަށް ސެންޓްކޮމްގެ ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، އީރާނުން ރިޕޯޓްކޮށްފައިވާ ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ކަށަވަރުކޮށްދެވެން އަދި ނެތް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން މިކަން ދޮގުކުރިނަމަވެސް އެމެރިކާގެ ހަމަލާ އަމާޒުވި އީރާނުގެ ކައިވެނި ހަފުލާގެ ވީޑިއޯ އަލްޖަޒީރާފަދަ ހުޅަނގުގެ ނުފޫޒެއްނެތް ބޮޑެތި ބައެއް މީޑިއާތަކުން މިހާރު ވަނީ އާންމުކޮށްފައެވެ.