2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ އުތުރު ދަތުރު މި ހަފްތާ ބަންދުގައި ހދ. ކުޅުދުއްފުށިން ފެއްޓެވުމަށް ނިންމައިފިއެވެ.

ޝާހިދު ކެމްޕޭންގައި އިސްކޮށްއުޅުއްވާ މަޖިލީހުގެ ކުރީގެ މެމްބަރަކު ވިދާޅުވީ، ޝާހިދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރަކީ ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން، އުތުރުގެ ސަރަހައްދުތަކުގައި ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ކުރައްވާ ދަތުރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައި ވަނީ ދެކުނުގެ އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީންނެވެ. އެގޮތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، އެ ޕާޓީގެ ރައީސްކަން ކުރެއްވި ޝާހިދު ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ އައްޑޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުގެ ކުރިން، ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުންވެސް އިސްތިއުފާ ދެއްވާފައެވެ.

ޝާހިދުގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއެވެ. މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވީ ނަމަވެސް، އެކަން އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ.