ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

Ad
d

ކިހާދޫ އަދި މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުން

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 17،300 ކިއުބިކް މީޓަރުގެ ވެލިން ބެކްފިލް ކުރުން ހިމެނޭ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މީގެއިތުރުން ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި 139 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.

ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ބިން ހިއްކުން

ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން 8.56 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކެލާ މަޝްރޫޢުގެ ތެރޭގައި 266 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، 6 މޫރިން ބޮއި ހަރުކުރުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުމުގެ އިތުރުން 692 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 2 ނެރުބައްތިއާއި 45 މަގުބައްތި ހަރުކުރުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ކޮންކްރީޓް ޖެޓީ އަދި ބްރިޖް އެޅުންވެސް ހިމެނެއެވެ.

ބަނޑިދޫ ބަނދަރު އަދި ޖެޓީ ތަރައްޤީކުރުން

ދ. ބަނޑިދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރޭގައި 3.5 މީޓަރަށް ބަނދަރު ފުން ކުރުމާއި، 4 މީޓަރަށް ނެރު ފުންކުރުން ހިމެނެއެވެ. އަދި 170 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ޤާއިމްކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

Ad
df