ހދ. ނޮޅިވަރަންފަރުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން އެ ރަށު ކައުންސިލުން، މިނިސްޓްރީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ހައުސިންގ މިނިސްޓްރީއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ އަވަސް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެއް ކަމަށް ނޮޅިވަރަންފަރު ކައުންސިލުން މަޢުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރަށުގެ މަގުހެދުމުގެ މަޝްރޫޢާއި، ދޫކުރެވިފައިވާ ގޯތިތަކުގައި ގެދޮރު ޢިމާރާތްކުރުމާ ގުޅޭ ކަންކަމަށެވެ.
މީގެއިތުރުން، 100 ހައުސިންގ ޔުނިޓުގެ ބަދަލު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ މުހިންމު ކަންކަމާމެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުންޏެވެ.
ނޮޅިވަރަންފަރު ކައުންސިލުން އިތުރަށް ބުނި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!