ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް މުހިންމު އިސްލާޙުތަކެއް ގެނެސް، އެ އުޞޫލު މިއަދު އާންމުކޮށްފިއެވެ.
"ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު" އަށް ބަދަލުގެނެސް އުލިގަމު ކައުންސިލުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އުޞޫލަށް 3 ވަނަ އިޞްލާޙް ގެނައުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އަދި 14 ވަނަ އާންމު ބައްދަލުވުމުގައެވެ.
މި އިސްލާޙުތަކާއެކު އެކުލަވާލެވުނު އައު އުޞޫލު ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ތިންވަނަ އިޞްލާޙާއެކު ނެރެފައިވާ އުޞޫލުގައި ބަޔާންކުރާގޮތުން، މި އުޞޫލުގެ ދަށުން ދަނޑުބިމަށް އިޢުލާނު ކުރާ ދުވަހުން ފެށިގެން، މިހާރު ބޭނުންކުރަމުންދާ ދަނޑުބިންތައް ދޫކޮށްލުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
މި އުޞޫލަކީ ރައްކާތެރިކަމާއެކު ޒިންމާދާރު ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބޭނުންވާ އާންމު ޤަވާޢިދުތައް ކަނޑައަޅައި، އެކަމަށް ދަނޑުވެރިން އަހުލުވެރިކުރުވުމާއެކު ނަފާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.
ޤަވާއިދުގެ ތެރެއިން ޢަމަލުކުރުމަށްޓަކައި ދަނޑުވެރިކަމާ ގުޅޭ ޚިދުމަތްތަކަށް އެދޭ މުހިންމު ފޯމުތަކެއް ވެސް އުޞޫލުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ދަނޑުބިމަށް އެދޭ ފޯމު، ދަނޑުބިމުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމު، ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އެއްބަސްވުން އަދި ދަނޑުބިން ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމު ހިމެނެއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އުޞޫލަށް މިއަދުން ފެށިގެން ޢަމަލުކުރަން ފެށޭނެއެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ރަށުގެ އެއްވެސް ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރުމާއި ރުއްގަސް އިންދުމަކީ މަނާކަމެއް ކަމަށް ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!