ހދ.ނައިވާދޫގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް މާދަމާ އޮންނާނެކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެފިއެވެ.

މިއީ ކޮންމެ މަހަކު ވެސް ރަށުގެ ޒުވާނުންނަށް އަމާޒުކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ދެ ވަނަ ސެޝަނެވެ.

Ad
rt

ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން، "އަހަރެން އަހަންނަށްޓަކައި"ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ، ނަފްސާނީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އާންމުން ހޭލުންތެރި ކުރުމެވެ.

މި ސެޝަންތަކުގެ މުދައްރިބަކީ ނައިވާދޫ ސްކޫލްގެ ލައިސަންސްޑް ކައުންސެލަރ ފާޠިމަތު މުނާ މުޙައްމަދެވެ.

މުނާ "ތިލަދުން"އަށް ވިދާޅުވި ގޮތުގައި ކޮންމެ މީހަކު ވެސް، އަވަދިނެތި އުޅޭއިރު އަމިއްލަ ނަފްސު ހަނދާން ނައްތާލުމާއި، ނަފްސާމެދު ފަރުވާކުޑަ ކުރުމުގެ އާދަތައް ނައްތާލައި، ނަފްސަށްޓަކައި ކުރެވިދާނެ ކަންތައްތައް މި ސެޝަނުގައި ކިޔައިދެވޭނެއެވެ. އަދި މިއީ އެކި ޢުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސެޝަންތަކެއްކަމަށާއި، މި މަހުގެ ސެޝަން އަމާޒުކޮއްފައިވަނީ، އުމުރުން 45-17 އަހަރުގެ ދެ ޖިންސްގެ ބޭފުޅުންނަށް ކަމަށް ވެސް މުނާ މި ނޫހަށް ޙިއްސާ ކުރެއްވިއެވެ.

މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސެޝަން އޮންނާނީ ހަވީރު 16:30ގައި ނައިވާދޫ ޕްރީ ސްކޫލްގައެވެ.

ނައިވާދޫގައި މީގެ ކުރިން ވެސް މެންޓަލް ހެލްތު ޑޭ ފަދަ ދުވަސްތަކާއި، ޚާއްޞަ ދުވަސް ދުވަހު މި ފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެ ރަށުގައި ހިންގާ މި ފަދަ ކޮންމެ ޕްރޮގްރާމެއް ނަންގަވައިދެއްވަނީ ވެސް ސްކޫލްގެ ކައުންސެލަރ މުނާއެވެ.