ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މަދަޙަވީ ބަހާރު 2026" މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ދަރިވަރުންނާއި އާންމުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނު އިތުރުކުރުމާއި، މަދަހައަށް ލޯބިޖެއްސުމެވެ. އަދި ދީނާއި ދިވެހި އަދަބިއްޔާތަށް ލޯބި ޖެއްސުމުގެ އިތުރުން މުސްތަޤްބަލުގައި ފެންވަރު ރަނގަޅު މަދަހަ ކިޔުންތެރިންތަކެއް އުފައްދައި، ފަންނުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމެވެ.
ރަށުގެ ސަރުކާރު މުއައްސަސާތަކާއި، އާންމު ފަރާތްތަކުގެ އިތުރުން ސްކޫލްގެ ކީ ސްޓޭޖް 1 އިން 4 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ 2026 ސެޕްޓެމްބަރ 24 އިން 26 އަށެވެ.
މުބާރާތް ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވަކިވަކި ކީސްޓޭޖްތަކުގެ ސްކޫލް ދަރިވަރުންގެ ބައި، 16 އަހަރުން މަތީގެ އާންމުންގެ ވަކިވަކި ބައިވެރިންގެ ބައި، އަދި ގްރޫޕް މަދަހައިގެ ބައެވެ. ގްރޫޕް ބައިގައި ކީސްޓޭޖްތަކާއި، އާންމުންގެ އިތުރުން މުއައްސަސާތަކަށް ވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން، މުޅި މުބާރާތުން 1 ވަނަ ހޯދާ މަދަހަ ކިޔުންތެރިޔާއަށް 3،000 ރުފިޔާ، 2 ވަނަ އަށް 2،500 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅަންޖެހެއެވެ. އަދި މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކޮމެޓީގެ ރައީސް އާމިނަތު ސައީދާގެ ނަންބަރު 9103170 އަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!