2026/2027 ދިވެހި ޕްރިމިއާ ލީގަށް ހއ. ދިއްދޫ ކޮލިފައިކޮށްދިން ކާމިޔާބުކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އޭނާގެ ނިންމުން ބަދަލުކުރުމަށްފަހު ދިއްދޫ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ.
މުސްތަޓޭގެ ކޯޗުކަމުގައި ދިއްދޫ ވަނީ ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދައި، ބޮޑުތިލަދުންމަތިން ފުރަތަމަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމްގެ ޝަރަފް ދިއްދޫ އަށް ހޯދައިދީފައެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށްފައެވެ.
މި ކާމިޔާބު ހޯދައިދިން ކޯޗު އާއިލީ ބައެއް ސަބަބުތަކާއި، އެނޫންވެސް ދިރިއުޅުމުގައި ހުރި ބައެއް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ޖެހުމުގެ ސަބަބުން ދިއްދޫގެ ކޯޗުކަން ދޫކޮށްލީ މިދިޔަ ޖުލައި ފަހުކޮޅުއެވެ. އެއީ ދިއްދޫ އަށް ދެގޮތެއްނުވެ ސަޕޯޓްކުރަމުންދިޔަ 12 ވަނަ ކުޅުންތެރިޔާ، އެރަށުގެ ރައްޔިތުންގެ ހިތްތައް ކުދިކުދިވި ޚަބަރެކެވެ. ނަމަވެސް ދިއްދޫ ރައްޔިތުންގެ ހިތްތައް ކޯޗުގެ އެނބުރިއައުމާއެކު ވަނީ އުފަލުން ފޮޅިފައެވެ.
ކޯޗު އެނބުރިއައިސް ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށްފަށާފައެވެ.
މުސްތަޓޭ ދިއްދޫ ޓީމާއެކު އަލުން މަސައްކަތްފެށިކަން ޢިއުލާންކޮށް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ކެރިއަރުގެ ކާމިޔާބީތައް ފާހަގަކޮށްފައެވެ.
މުސްތަޓޭގެ ކޯޗިންގ ހަޔާތުގެ ކާމިޔާބީތައް
• 5 ރިސޯޓް ލީގު ފައިނަލް
• 2 ޓެކާސް ފައިނަލް
• 2 ރާބަދި ޗެލެންޖް ފައިނަލް
• 8 ކައުންސިލް ކަޕް ފައިނަލް، އެކި ރަށްރަށުގައި
• 1 ގޯލްޑަން ފައިނަލް، އަތޮޅު ބުރު
• 1 އަތޮޅު ފައިނަލް، އެފް.އޭ.އެމް
• 1 ޒޯން ފައިނަލް، އެފް.އޭ.އެމް
• 1 ރީޖަން ޗެމްޕިއަން، އެފް.އޭ.އެމް
''އަދ ކޮލިފިކޭޝަން ދަތުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓްވުން. މިހާރު މިއޮތީ އަނެއްކާވެސް މުހިންމު އައު ފުރުސަތަކާ ކުރިމަތިލާންވީ ވަގުތެވެ. ކުރިއަށް އޮތް 2026–2027 ދިވެހި ޕްރިމިއަރ ލީގު ސީޒަނުގައި، ދިއްދޫ ސްޕޯޓްސްގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެކެވެ.'' މުސްތަޓޭ ބުނެފަވެއެވެ.
އޭނާ ވަނީ މި ދަތުރުގައި ދިއްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން އޭނާ އަށް ދިން މިންނެތް ލޯތްބާއި، އިތުބާރާއި، އެއްބާރުލުމާއި އަދި ހިތްވަރަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
''އިންޝާ ﷲ، އެންމެން އެކުވެރިކަމާއެކު ބުރަކޮށް މަސައްކަތްކޮށް، މިއަށްވުރެވެސް މާ ފުރިހަމަ ކާމިޔާބީތަކެއް ހާސިލުކުރާނަމެވެ. އައު ގޮންޖެހުމެއް. އައު ބާބެއް. މާ ބޮޑު ހުވަފެނެއް'' ކޯޗު މުސްތަޓޭ ބުނެފަވެއެވެ.
ބޭރުގެ ކުޅުންތެރިންނާއެކު ސްކޮޑު ވަރުގަދަކޮށްފި
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ދިއްދޫ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޓީމުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭރުގެ ހުނަރުވެރި ކުޅުންތެރިން ވަނީ ޓީމާ ގުޅިފައެވެ. އޭގެ ތެރޭގައި ގާނާގެ ދެ ކުޅުންތެރިންނާއި ކެމަރޫންގެ ދެ ކުޅުންތެރިން ހިމެނެއެވެ. މީގެއިތުރުން، އަތޮޅުތެރޭގެ އެކި ރަށްރަށުގެ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމުގެ ސްކޮޑު މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.
ފުރަތަމަ މެޗުގައި ނުކުންނާނީ ބިސްބުރުއާ ދެކޮޅަށް
ދިއްދޫ ޓީމުގެ ފަރިތަކުރުންތައް މިހާރު އެ ރަށުގައި ބާރަށް ކުރިއަށްދާއިރު، މި ސީޒަނުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ކްލަބް ބިސްބުރުއާ ދެކޮޅަށެވެ.
މެޗުތައް ބޭއްވުމަށް ރަށު ފެންވަރުގައި ތައްޔާރުވަނީ
ދިއްދޫ ސްޕޯޓްސް މެނޭޖްމަންޓުން މައުލޫމާތު ދިން ގޮތުގައި، ޓީމުގެ ފަރިތަކުރުންތަކާއި ތައްޔާރީތަކުގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް އެހެން ޓީމުތަކަށް މަރުހަބާ ކިޔުމަށް ރަށު ފެންވަރުގައި ވާންޖެހޭ ތައްޔާރީތައްވެސް ދަނީ ވަރަށް ފުރިހަމައަށް ކުރެވެމުންނެވެ.
މީގެ ކުރިން ބޭއްވި ނޯތު ލީގުގެ މެޗުތަކަށްވެސް ދިއްދޫ ދަނޑު ވަރަށް ފުރިހަމައަށް ތައްޔާރުކޮށް، އެ ރަށަށް ޒިޔާރަތްކުރި ޓީމުތަކަށް މެހެމާންދާރީ އަދާކުރުމުގައި ދިއްދޫން ވަނީ ނަމޫނާ ދައްކައި، ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މިފަހަރުގެ ޕްރިމިއާ ލީގުގައިވެސް އެފަދަ ފުރިހަމަ އިންތިޒާމުތަކެއް ފެނިގެންދާނެ ކަމަށް މެނޭޖްމަންޓުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!