ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ރޭ ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިކަން ޢިއުލާންކުރަށްވަމުން ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލާޒިމްކުރާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައި ވަރަށް މުހިއްމު މަޤާމުތަކަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ކުރެވޭ މައިގަނޑު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކާއި، މެންބަރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 18 ބޭފުޅުން ހިމެނެއެވެ.
މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް ހާއްސަކޮށް ޒުވާނުންގެ ގޮތުގައި 7 މެންބަރުން އަދި އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވޭ ގޮނޑިތަކަށް 10 ބޭފުޅުން އިންތިހާބު ކުރެވިގެންދާނެއެވެ.
އިޢުލާން - ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް 2026#Congress2026#DhiveheengeRaajje #CongressPartyMV pic.twitter.com/MlNnVsUS3I
— PNC Secretariat (@pnc_secretariat) August 30, 2026
މީގެއިތުރުން، އަންހެނުންގެ އަދި ޒުވާނުންގެ ހަރަކާތްތަކަށް ޚާއްސަ އިތުރު މަޤާމުތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަޤާމުގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަޤާމު ހިމެނެއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އައިޑީކާޑު މައުލޫމާތާއި، ފޮޓޯ އަދި ޕޮލިސް ރެކޯޑާއި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކުށުގެ ރެކޯޑަކީ ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ސާފްކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭނެ ކަމަށާއި، 1 މަސް ދުވަހަށްވުރެ މުއްދަތު ދިގުވެފައިވާނަމަ އަލުން އެ ރެކޯޑް އާކުރަން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެބޭފުޅެއްގެ މަގާމުގެ ހައިސިއްޔަތުން ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ. އަދި މި ކޮންގްރެސްއަށް ޕާޓީގެ ފަރާތުން ހާއްސަ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!