ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި (ޕެސްޓު) ނައްތާލުމަށް ބޭނުންކުރާ ހާއްސަ ސްޕްރޭޔަރުތައް ރާއްޖޭގެ 20 އިދާރީ އަތޮޅަށް ފޯރުކޮށްދީފިއެވެ.
މި ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރގެ ހިލޭ އެހީގެ ދަށުންނެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމުގެ ގޮތުން، އެ މިނިސްޓްރީއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފައިވަނީ 6 އޮގަސްޓު 2024 ގައެވެ. މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދީފައެވެ. މި އެހީގެ ދަށުން ޖުމްލަ 25 ސްޕްރޭޔަރު ފޯރުކޮށްދީފައިވެއެވެ.
ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީގައި އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން، ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއެވެ. އެހެންކަމުން، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރަށްރަށުގައި މިފަދަ ވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.
ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި ނައްތާލަން މިނިސްޓްރީން ރަށްތަކަށް ފޮނުވި ސްޕްރޭޔަރު
ޗައިނާއިން ފޯރުކޮށްދީފައިވާ، ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވަނީ މާލެއަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާ (ކުރީގެ އަތޮޅު ކައުންސިލްތައް) އެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރުގެ ބޭނުންހިފޭނެ މަގުފަހިކުރުމުގެ މަޤްޞަދުގައެވެ.
މި ޕްރޮގުރާމުގެ ދަށުން ޙަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. އަދި މީގެ އިތުރުން އެ ރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެއް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.
• ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ އަތޮޅުތަކާއި ރަށްތަކުގެ ތެރޭގައި:
• ހއ. ދިއްދޫ
• ހދ. ކުޅުދުއްފުށި (ސިޓީ ކައުންސިލް)
• ށ. ފުނަދޫ
• ނ. މަނަދޫ
• ރ. އުނގޫފާރު
• ބ. އޭދަފުށި
• ޅ. ނައިފަރު
• ކ. ތުލުސްދޫ
• އއ. ރަސްދޫ
• އދ. މަހިނބަދޫ
• ވ. ފެލިދޫ
• މ. މުލި
• ފ. ނިލަންދޫ
• ދ. ކުޑަހުވަދޫ
• ތ. ވޭމަންޑޫ
• ލ. ފޮނަދޫ
• ގއ. ވިލިނގިލި
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް (ސިޓީ ކައުންސިލް)
• ސ. ހިތަދޫ (ސިޓީ ކައުންސިލް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!