ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 30 އޯގަސްޓް 2026 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް އެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.
ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި، އެކަމާ ގުޅޭ އެންމެހައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ކަމާބޭހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިއުމަށެވެ. މިގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި މަސައްކަތްތަކުގެ ތެރެއިން ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމުގެ އިދާރީ ނިޒާމު އެކުލަވާލެވޭނެއެވެ. އަދި ކަނޑުގެ ސަރަޙައްދުން ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ޤާނޫނީ އޮނިގަނޑާއި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ސާފުކޮށް ދެނެގަތުމެވެ. އަދި އެ ސަރަޙައްދުން ފެންނަން ހުރި ވަސީލަތްތަކުގެ ނަފާއާއި ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ކުރިއަށްގެންދިއުމެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު، ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ބޭނުންކޮށްގެން ޤައުމީ އިޤްތިޞާދު ފުޅާކުރުމަށް ކުރަންޖެހޭ އިދާރީ އަދި ޤާނޫނީ ތައްޔާރީތައް މިހާރު ވަނީ އަމަލީ ގޮތުން ފެށިގެން ގޮސްފައެވެ. މިގޮތުން ކަމާބޭހޭ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން، ކަނޑުގެ ވަސީލަތްތައް ހޯދުމާއި ނެގުމާ ބެހޭ ޤާނޫނީ ބިލު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!