އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސަރަހައްދީ ފެނުގެ މަތިން ދަތުރުކުރި އީރާނުގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) އެއް އެ ގައުމުގެ ވައިގެ ސިފައިން ހޯމަ ދުވަހު އިންޓަސެޕްޓްކޮށް ހުއްޓުވައިފިއެވެ.
މިއީ އެމެރިކާ އާއި އީރާނާ ދެމެދު މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، ހަފުތާ ބަންދުގައި އަސްކަރީ ހަމަލާތަކެއް ބަދަލުކޮށް މަޝްރަހު އަލުން ގޯސްވިފަހުން ހިންގި ފުރަތަމަ ބޮޑު އަސްކަރީ ހާދިސާއެވެ. މި ހާދިސާއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 90 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އީރާނުން އައިސް އެ ގައުމުގެ ސަރަހައްދީ ފެނުގެ މަތިން ފެނުނު އީރާނުގެ ޑްރޯނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ މިއީ އެ ގައުމުގެ ސިޔާދަތާއި، ރައްކާތެރިކަމާއި، ހަމަޖެހުމަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، އާންމުންގެ ސަލާމަތަށް އޮތް ބޮޑު ތަހުދީދެއް ކަމަށް ބުނެފައެވެ. މީގެއިތުރުން، ދުބާއީގައި ހުންނަ އަލް މިންހާދު އެއާ ބޭސްއަށް ހަމަލާދީފައިވާ ކަމަށް އީރާނު އަސްކަރިއްޔާއިން ކުރި ދައުވާ ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ.
ޔޫއޭއީގެ ސަރަހައްދަށް އީރާނުގެ ޑްރޯން ވަދެފައިވަނީ، އާދީއްތަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އީރާނުގެ ލާރަކް އައިލެންޑަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ހޯރްމުޒް ކަނޑުއޮޅިއަށް ކަނޑުގެ މައިންތައް ދޫކުރުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ތައްޔާރުވަމުންދަނިކޮށް ދިން މި ހަމަލާއަކީ މުހިންމު އަދި އަމާޒަށް ދެވުނު ހަމަލާއެކެވެ. އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑުއިވި، އައިއާރުޖީސީގެ ބަޔަކު މަރުވެފައިވާ ކަމަށެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ނަމަވެސް އެ މިސައިލްތައް ވަނީ ވައްޓާލާފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އަމިއްލަ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސްނުޖެހޭނެ ކަމަށެވެ. ކިރްގިޒްސްތާންގައި ބޭއްވޭ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސުމިޓަށް ފުރާވަޑައިގަންނަވަމުން އީރާނުގެ ރައީސް މައްސޫދު ޕަޒެޝްކިއަން ވިދާޅުވީ، އީރާނުން ހަނގުރާމައެއް ބޭނުންނުވާ ކަމަށާއި ނަމަވެސް އިސްވެ ހަމަލާދޭ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
މި ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު ވަނީ 90 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު 25 އިންސައްތަ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ކުރިމަތިލައްވާއިރު އިގްތިސާދީ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ނޯތު ކެރޯލައިނާގައި ބޭއްވޭ ޖީ-20 ގެ ފައިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި އީރާނު އިގްތިސާދީގޮތުން އެކެހެރިކުރުމަށް އެހެން ގައުމުތަކަށް ބާރުއަޅުއްވާފައެވެ. މީގެ ދެ ހަފުތާ ކުރިން ޔޫއޭއީން އީރާނާއެކު ކުރާ ތެލުގެ ވިޔަފާރި ސަސްޕެންޑްކޮށްފައިވަނީވެސް އެމެރިކާގެ ފިއްތުންތަކާ ހުރެކަމަށް ބެސެންޓް ވަނީ އިޝާރާތް ކުރައްވާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާތަކަށް ދިއުމަށް އަވަސްވެގަންނަން ބޭނުންފުޅުނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!