ދިވެހި އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑަށް ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ވަޒަންކުރުމަށްޓަކައި ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލިއެވެ.
އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީން އެކުލަވާލައިފައިވާ ''އިންޖިނިއާސް އެވޯޑް ދިނުމާބެހޭ އުސޫލު''ގެ ދަށުން އިންޖިނިއާސް އެވޯޑުގެ އެޕްލިކޭޝަންތައް ވަޒަންކުރަން އެކުލަވާލި ކޮމެޓީގެ މެމްބަރުންގެ މައުލޫމާތު އާންމުކޮށްފައެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި އެކަޑެމިކް އިންސްޓިޓިއުޝަން ނުވަތަ ފެކަލްޓީ އޮފް އިންޖީނިއަރިން ދާއިރާއިން ޑރ. ޔޫސުފް ނިޒާމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ދާއިރާއިން މުހައްމަދު ސައިދު ސައީދު އަދި ޑރ. އަހްމަދު ރަނޭޝް ހިމެނިވަޑައިގަންނަވާއިރު، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ދާއިރާއިން ހިމެނިވަޑައިގަންނަވަނީ ހަމްދޫން މުހައްމަދެވެ. އަދި އިންޖީނިއަރިން ފަންނުގެ ޕްރޮފެޝަނަލް ބޮޑީއެއްގެ މަންދޫބުންގެ ގޮތުގައި އިސްމާއީލް އިބްރާހިމް އާއި މުއާވިޔަތު ޝަރީފް ވަނީ ހަމަޖައްސަވައިފައެވެ.
"އިންޖިނިއާސް އެވޯޑު 2026" އަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އިންޖިނިއަރުންގެ އެވޯޑު ދޭން ނިންމައިފައިވާއިރު އެ އެވޯޑް 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އެ އެވޯޑްތަކަކީ، އިންޖިނިއާ އޮފް ދަ އިޔާ އެވޯޑް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ޔަންގް އިންޖިނިއަރު އެވޯޑް، ވިމެން އިން އިންޖިނިއަރިން އެވޯޑް، އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު، އިންޖިނިއަރިން ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާމް އޮފް ދަ އިޔާ އެވޯޑު، ސްޓޫޑަންޓް އިނޮވޭޓާ އެވޯޑު، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު އަދި ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑްއެވެ.
އިންޖިނިއާސް އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި، އޯގަސްޓު މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ވަނީ ހަމަވެފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިފަ އެވެ. މި ދުވަސް ރާއްޖޭގެ އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސަވާފައިވަނީ، ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު އާންމުންނަށް ހުޅުވާލެވުނީ މިދުވަހުގައި ކަމުގައި ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!