އިހަވަންދޫ ގައި ދުއްވާ މަސްދޯނިފަހަރުގެ ފުރިހަމަ ކޮންޓްރޯލް ބިދޭސީންގެ އަތް ދަށަށް ގޮސްފައިވާކަމަށް "މަސްވެރި އިހަވަންދޫ" އިން ބުނެފިއެވެ.
"މަސްވެރި އިހަވަންދޫ"އިން ވަނީ މި އޮގަސްޓްމަހު މަސްދޯނިތަކާއި ގުޅޭ ސާވޭއެއް ހަދާފައެވެ.
މި ސާވޭއިން ދައްކާ ގޮތުގައި މިހާރު އިހަވަންދޫގައި ދުއްވާ 14 މަސްދޯނީގެ ތެރެއިން، މިވަގުތު މަހަށް ފުރާ 11 ދޯނީގައި ތިބި ދިވެހިންގެ އަދަދަކީ 80 އެވެ. ބިދޭސީންގެ އަދަދަކީ 96އެވެ. އިހަވަންދޫގެ 3 މަސްދޯނި އޮތީ އެކިއެކި ސަބަބުތަކާހުރެ މަހަށް ފުރޭގޮތް ނުވެފައެވެ.
މަސްވެރި އިހަވަންދޫއިން ފާހަގަ ކުރި ގޮތުގައި 2023 ވަނަ އަހަރު އިހަވަންދޫގައި 14 ދޯނި މަސްވެރިކަން ކޮއްފައިވެއެވެ. އޭރު އެ ދޯނި ފަހަރުގައި 180 ދިވެހިން މަސައްކަތްކޮއްފައިވާއިރު، ބިދޭސީންގެ ޢަދަދަކީ 32 އެވެ.
އޭގެއިތުރުން 2024 ވަނަ އަހަރުގެ ސާވޭއިން ދައްކާގޮތުން 14 ދޯނީގައި 134 ދިވެހިން މަސައްކަތް ކޮއްފައިވާއިރު، ބިދޭސީ ފަޅުވެރިންގެ ޢަދަދަކީ 65 އެވެ.
މިއީ ދުވަހަކު ވެސް އެ ރަށުން ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށާއި މި ދުވަސް އަންނާނެކަމަށް އުއްމީދު ވެސް ނުކުރާކަމުގައި "މަސްވެރި އިހަވަންދޫ" އިން މީސްމީޑިއާގައި ހާމަކޮއްފައިވެއެވެ.
"ސިޔާސީ އޮއިވަރުގައި ޖެހި ފިޔަޖަހަމުން ކުރިއަރަމުން ދިޔަ މަސްވެރިކަމުގެ ސިނާއަތް މިއަދު އޮތީ ދެ ފެން ދޭތެރޭގައި. މަސްވެރިކަމުގެ ސިނާޢަތް ފަސްއަޅައި ފޮރުވާލުމަށްޓަކައި، މި ސިނާޢަތް ބަޔަކު މި ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި." މަސްވެރި އިހަވަންދޫ އިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭގޮތުގައި އިހަވަންދޫއަކީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ އުތުރުގެ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!