ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތުދިނުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރަށްވާ ފަލާހް މިހެން ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

Ad
d

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވަނީ ''އެކަމުން އެނގެނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަމާއި، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށް'' ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފަހަކަށްއައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ވަނީ ތުހުމަތު ކުރަށްވާފައެވެ.

''ފަހަކަށްއައިސް އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީނު ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާމިންވަރު މިއަދުވެސް ޔާމީނު ފަދަ ޚާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ޤައުމުވެސްލަދުވެތިވާކަމެއް. ޔާމީނު ދަޢުލަތުން ވަގަށް ނަގާފައިވާ އެތަށްމިލިއަން ޑޮލަރެއް ދަޢުލަތަށްހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއްލިބިގެންދާނެ.'' ފަލާހް ވިދާޅުވެފަވެއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ 26 އޯގަސްޓް 2026 ގައި ފާސްކޮށްފައެވެ. މި ބިލުގައިވާ ގޮތުން، ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރަން ފަށަން ޖެހެނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެ ނިސްބަތަށް ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އަދި ރިސޯޓްތައް ތަރައްގީކުރުމަށް ނަގާފައިވާ ލޯނުތައް ދެއްކުމާއި ލޮޖިސްޓިކް ކަންކަން ހަމަޖައްސަން ޖެހެނީ ޑޮލަރުން ކަމަށްވާތީ، އެހާ ބޮޑު ނިސްބަތެއް މާރުކުރަން މަޖުބޫރުކުރާތީ މުޅި ރިސޯޓް އިންޑަސްޓްރީ އެކަމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފަވެއެވެ.

Ad
df