އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފްލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީއަށް ބޭނުންވާ ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން އެ ދަތިކަން ހައްލުކޮށްދިނުމަށް ބޭންކުތަކާ ގުޅިގެން ދެ ފައިނޭންސިން ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. ދެ ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދީގެން އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ،" ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ރަށްރަށުގައި ހިންގާ ފްލެޓް މަޝްރޫޢުތަކުން ނުވަތަ ހައުސިން ޔުނިޓެއް ގަންނަން އިކުއިޓީ ނެތް ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި މި ބައިގެ ދަށުން އިކުއިޓީގެ ގޮތުގައި 2.5 ލައްކަ ރުފިޔާ ދޫކުރާނެއެވެ. މި މާލީ އެހީ ދޫކުރުމަށްޓަކައި ހަތަރު ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމުން ފްލެޓް ގަންނަ މީހުންނަށްވެސް، ސޯޝަލް ހައުސިން ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް މާލީ އެހީ ދޭނެ ސްކީމެއް އިފްތިތާޙުކުރުމަށް ވަނީ ނިންމައިފައެވެ. މި ސްކީމަކީ ހުޅުމާލެ ފޭސް 3 ގައި މިހާރު ކުރިއަށްގެންދާ 1،000 ހައުސިން ޔުނިޓާއި އަދި އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ މަޝްރޫޢުތަކަށް ކުރިމަތިލެވޭނެ ސްކީމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަތޮޅުތެރޭގައި ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ތަފްސީލު ދެއްވަމުން ނާޒިމް ވިދާޅުވީ، އައްޑޫ ސިޓީގައި 550 ޔުނިޓުގެ ޕްރޮޖެކްޓެއް އަދި ފުވައްމުލަކުގައިވެސް ހައުސިން ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ޕްރައިވެޓް ސެކްޓަރާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތައް ބާރުވެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ސަރުކާރުން ތައާރަފު ކުރި "ހިޔާވެހި ފައިނޭންސިން ސްކީމް" އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އަމިއްލަ ބިން އޮވެގެން ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީ ފޯރުކޮށްދީ، ރައްޔިތުން ގެދޮރުވެރިކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!