އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ މަސްރޭސް" ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި މިއަދު ފަށައިފިއެވެ.
އުރީދޫ މަސްރޭހަކީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތެވެ.
މިއަހަރުގެ މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކުގައެވެ. މި މުބާރާތުގައި ވަނަތަކަށް ހޮވޭ ޓީމުތަކަށާއި ވަކިވަކި މަސްވެރިންނަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މަސްރޭހުގެ އިނާމުތައް ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނައަށް ހޮވޭ ޓީމަށް 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ތިންވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާއެވެ.
ޓީމުތަކުގެ އިތުރުން ވަކިވަކި މަސްވެރިންނަށްވެސް އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެ މޮޅު އަންހެން މަސްވެރިޔާ އަދި އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ އިތުރުން، މުބާރާތުގައި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. މިއީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްދާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!