ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އެ ގައުމުގައި ތިބި އާއިލާތަކާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދީފިއެވެ.
އުރީދޫ އިން ބުނި ގޮތުގައި، މުވާސަލާތީ ގުޅުން ބަދަހިކޮށް ބެހެއްޓުން އެންމެ މުހިންމުވާ ދަނޑިވަޅުތަކުގައި އެ ކުންފުނި އޮތީ ކަސްޓަމަރުންނާއެކުގައެވެ. އެގޮތުން، ނޭޕާލުގައި ތިބި އާއިލާތަކާއި ގާތްތިމާގެ މީހުންގެ ހާލުބަލައި، އެ މީހުންގެ މަތިން ހަނދާންކުރާކަން އަންގައިދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް 10 މިނެޓާ ހަމައަށް ހިލޭ ގުޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހިދުމަތް އުރީދޫން ތައާރަފުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ނޭޕާލުގެ އުތުރު-މެދުތެރޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް ބޯޓޭ ކޯޝީ އަދި ތުރިޝޫލީ ކޯރުގެ ސަރަހައްދުތަކަށް ކުރިމަތިވި ކާރިސާއާ ގުޅިގެންނެވެ.
މި ކާރިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ރަސުވާ، ނުވާކޯޓް، އަދި ދާދިންގް ޑިސްޓްރިކްޓްތަކަށެވެ. މި ހާދިސާގައި 360 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 1،000 އާއި 1،400 ދެމެދުގެ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. މަރުވި އަދި ގެއްލުނު މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ރައްޔިތުންނާއި، މަޝްރޫއުތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ފަތުރުވެރިން ހިމެނެއެވެ.
މި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ނޭޕާލާއި ޗައިނާ ގުޅުވައިދޭ މުހިންމު ފާލަންތަކާއި ހައިވޭތަކާއި، ހައިޑްރޯޕަވަރު ވަސީލަތްތަކާއި، ކަރަންޓު ނެޓްވޯކްތަކުގެ އިތުރުން މުވާސަލާތީ ހިދުމަތްތައް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ސިއްހީ ކްލިނިކްތަކާއި 30 އަށްވުރެ ގިނަ ސުކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނުވަތަ މުޅިން ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ނޭޕާލް އާމީއާއި، އާމްޑް ޕޮލިސް ފޯސް އަދި ސަރަހައްދީ ކާރިސާތަކާ ބެހޭ ޔުނިޓްތަކުން ދަނީ ސަލާމަތްވީ މީހުން ވައިގެ މަގުން ސަލާމަތްކޮށް، ކޯރުގެ ކައިރީގައިވާ އާބާދީތައް ހުސްކޮށް، ބަންދުވެފައިވާ މަގުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!