ށ. ފަރުކޮޅު (ނުވަތަ ފަރޮޅު) ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލަހައްޓައި، ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ފަރޮޅު ރޭންޖަރ" އުޅަނދު ރާއްޖެ ގެނެސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އުޅަނދާއެކު، ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު ހީވާގިކަމާއެކު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޭންޖަރުންގެ ޚާއްސަ ޓީމުން ވަރަށް އަވަހަށް ފަށާނެއެވެ.

Ad
rt

ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކުރުން

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ށ. ފަރުކޮޅު ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމެވެ. މި މުހިންމު އިސްނެގުމަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރިއަށްގެންދާ "ކެޓެނޭޓް" ޕްރޮޖެކްޓުގެ ދަށުން ހިންގޭ ހަރަކާތެކެވެ. މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ފަރުކޮޅު ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ފަރޮޅު ރޭންޖަރ"، ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

ށ.ފަރުކޮޅުގެ މުހިންމުކަން

ށ. ފުނަދޫގެ އުތުރުން، އެ ރަށާ އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. މި ރަށަކީ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 7 އޮކްޓޯބަރ 2018 ގައެވެ. މި ރަށަކީ އޭގެ ގުދުރަތީ މުއްސަނދިކަމާއި، ޚާއްޞަ ކުޅިތަކާއި ޗަސްބިންތަކުގެ ސަބަބުން ތިމާވެށީގެ ގޮތުން ނާޒުކު، ރާއްޖޭގެ އެންމެ ބޮޑެތި ފަޅުރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

މި ރަށުގައި ގުދުރަތީ ގޮތުން އުފެދިފައިވާ "ފިނިހަކަ ކުޅި" އާއި، ލޮނާއި ފޮނި ފެނުގެ 7 ކުޅިއެއްގެ އިތުރުން ބޮޑެތި ޗަސްބިންތައް ހިމެނެއެވެ. މިއީ މަޑިއާއި، ވެލަޔާއި، އަދި ނެތިދިއުމުގެ ބިރުހީވެފައިވާ މިޔަރުގެ ބާވަތްތައް ވިހާ އާލާވާ މުހިންމު މާހައުލެކެވެ.

ފަރޮޅު ހިމާޔަތްކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕެޓްރޯލްތަކާއި، މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހިއްސާކުރަމުންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީން 20 މެއި 2025 ގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ.

މީގެ އިތުރުން ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ޑީޓެއިލްޑް ކޮންސެޕްޓް އަދި މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މި އަހަރުގެ ޖޫން 4 ވަނަ ދުވަހި ވަނީ ޢިއުލާންކޮށްފައެވެ.