ހއ. އުލިގަމަށް ޒިޔާރަތްކުރާ ބޭރުގެ ޔޮޓުތަކަށް ހިދުމަތް ދިނުމަށްޓަކައި އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ. ޒަމާނީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 16 މާރިޗު 2026 ގައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މެރީނާ ތަރައްގީކުރާނީ އެއްފަހަރާ 18 ޔޮޓަށް ހިދުމަތް ދެވޭނެ ފަދަ ޖާގައަކާއެކުގައެވެ. މި ސަރުކާރުގެ އަމާޒަކީ އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި މި މެރީނާ ތަރައްގީކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމާއެކު ރާއްޖެ އަންނަ ބޭރުގެ އުޅަނދުތަކަށް ބޮޑު ފަސޭހައެއް ފޯރުކޮށްދިނުމެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ، ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓުފަހަރު އެ ރަށަށް އައި ނަމަވެސް، މެރިޓައިމް ދާއިރާއިން އެކަށީގެންވާ ހިދުމަތްތަކެއް ދެވޭނެ ގޮތެއް ނެތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. "މި މެރީނާ ހެދުމަކީ އުލިގަމު ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި ބޮޑު އުންމީދެއް ހާސިލުވުން،" އަސަދުﷲ ވިދާޅުވިއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން ނިންމައި އެމްޕީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއިކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. އެއަށްފަހު، މި މަޝްރޫއުގެ ފަހުމުނާމާގައި އެމްޕީއެލްއިން ސޮއިކޮށްފައިވަނީ 1 އޯގަސްޓު 2024 ގައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ބޭނުންވާ ގޮތެވެ. މިއީ އެ ރަށުގެ އިގުތިސާދީ ނަފާ ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ.
އިތުރަށް ކިޔާލަން
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ގިނަ އަދަދެއްގެ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރު ގިނަ އަދަދެއްގެ ޓޫރިސްޓުން ޔޮޓުތަކުގައި އެ ރަށަށް ޒިޔާރަތްކުރެއެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ދަތުރުކުރާ ގިނަ އަދަދެއްގެ ޔޮޓުތައް މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފައެވެ. އަހަރަކު 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޔޮޓު އެ ރަށުގައި ބަނދަރު ކުރާއިރު، އެ އުޅަނދުތަކަށް ބޭނުންވާ ހިދުމަތްތައް ދެވޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް އެ ރަށުގައި ގާއިމުވެފައެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!