"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހަވީރު 16:45 ގައި ފެށި ސެމީގެ މެޗުގައި ހަނިމާދޫ މޮޅުވީ 2-1 ލަނޑުންނެވެ.

Ad
d

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ހަނިމާދޫ އިންނެވެ. އެއީ އެ ޓީމުގެ އަލީ ހުސައިން (ދަގަނޑޭ) ޖަހައިދިން ލަނޑެކެވެ. އެއީ ނޭކުރެންދޫގެ އަބާން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ހަނިމާދޫ އެއް ލަނޑުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމަން ދަނިކޮށް، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނޭކުރެންދޫގެ އަބާން ނަގައިދިން ކޯނަރެއް ގޯލްގެ ވައްދާލައިގެން ރާއީ ވަނީ ނޭކުރެންދޫ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ހަނިމާދޫ މޮޅުވި ލަނޑު ޖަހައިދިނީ ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން މުޅިން ހުސްކޮށް ކުރިއަށް އަަރައި ގޯލްގެތެރެއަށް ވައްދާލައިގެން ނޫރުﷲ ތޯހާއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަނިމާދޫގެ ދަގަނޑޭ އެވެ.

ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ މިވަގުތު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަން ނައިވާދޫ އާއި މި ބުރު ހޯސްޓްކުރާ ރަށް ކަމަށްވާ ނޮޅިވަރަންފަރެވެ.

ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅޭ މި މެޗު ވެސް ނޮޅިވަރަންފަރު ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދުރަށް ދައްކާނެއެވެ.

Ad
df

މި ބުރުގެ ފައިނަލް އޮންނާނީ މިމަހުގެ 23 ގައެވެ.