ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުގައި އޮންނަ ދައްޕަރު ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖްކުރުމަށްޓަކައި މޫދާއެކު 226.13 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީގޮތުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތައް އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހިމެނެއެވެ.

Ad
rt

ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މި މަޝްރޫއު ތަރައްގީކުރުމަށް ގިނަވެގެން 36 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހަޅަންޖެހޭއިރު، ބިޑް ޑޮކިއުމެންޓްގެ އަގަކީ ދިވެހި ވިޔަފާރިތަކަށް 10,000 ދިވެހި ރުފިޔާއެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކަނީ 12,000 ދިވެހި ރުފިޔާއަށެވެ. މިއީ އަނބުރާ ނުލިބޭ ފައިސާއެކެވެ.

މައުލޫމާތު ސާފުކުރުމާއި ބީލަން ފޮތް ގަތުމުގެ ފުރުސަތު 2026 އޮގަސްޓް 20 އިން 31 އަށް، ހެނދުނު 09:00 އިން މެންދުރު 13:00 އަށް ފިއްލަދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް ލިބޭނެއެވެ.

ސިޓީ އުރައިގައި ބަންދުކޮށްފައިވާ ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 10 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ. އަދި ބީލަން ކެނޑުން އޮންނާނީ ހަމަ އެ ދުވަހުގެ ހެނދުނު 11:05 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ.

ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށް އެއްބަސްވުމުގައި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއިރުގެ ފިއްލަދޫ ކައުންސިލުން 8 ޖުލައި 2024 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 50 އަހަރުގެ މި އެއްބަސްވުމުގެ ދަށުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ގާތްގަނޑަކަށް 21 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މަޝްރޫޢުތަކެއް ހިންގުމަށް އޮތީ ހިމަނާފައެވެ. މީގެ ތެރޭގައި 100 ގެ އެޅުމާއި، 10 އަހަރުގެ މުއްދަތަށް އަހަރީ ސާފު ފައިދާގެ 0.25 އިންސައްތަ ހިއްސާކުރުމާއި، ސީޕްލޭން ޓާމިނަލެއް އެޅުމާއި، ފިއްލަދޫއާއި ދައްޕަރު ގުޅުވާލާ ރިންގު ރޯޑެއް އެޅުން ހިމެނެއެވެ. އަދި ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް އެހީތެރިވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ޚާއްޞަ ސަރަހައްދެއް ކަނޑައެޅުން ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެކަމަށް އެއިރު ވަނީ ބުނެފައެވެ. ނަމަވެސް މި މަޝްރޫޢު ކުރިއަކަށް ނުދެއެވެ.

2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ފިއްލަދޫ ކައުންސިލްގެ އިހްތިސާސުގެ ތެރެއިން ދައްޕަރުވަކިކުރުމުން އެރަށުގެ ޒުވާނުންނާއި ރައްޔިތުން ކުރި އިހްތިޖާޖުގެ ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ދައްޕަރު ވަނީ އަލުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ވައްދާފައެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.