ހދ މަކުނުދޫގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ( ވެށިސާފު) އިން ބޮނބިކުނޑި އަދި ބިއްލޫރި ވެލި ވިއްކަން ފަށައިފިއެވެ.

މަކުނުދޫ ކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި 23 އޯގަސްޓް 2026ވާ އާދިއްތަ ދުވަހުން ފެށިގެން ރައްޔިތުންނަށް މި ތަކެތި މެޓީރިއަލް ރިކަވަރީ ފެސިލިޓީން ގަންނަން ލިބޭނެއެވެ.

Ad
rt

އަގުތައް:

ވެށިސާފު ބޮނބިކުނޑި: 1 ކިލޯ 4ރުފިޔާއަށް

ވެށިސާފު ބިއްލޫރިވެލި: 1 ކިލޯ 1 ރުފިޔާއަށް

މީގެއިތުރުން 20 އޯގަސްޓް 2026 (މިއަދު) އިން ފެށިގެން މަކުނުދޫ ކައުންސިލް އިދާރާއިން ވަނީ ހިލޭ ކޫޑިބޭސް ދޫކުރަން ފަށައިފައެވެ.

އެ ގޮތުން ކޫޑި ބޭސް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކޮށް، ރަސްމީގަޑީގެ ތެރެއިން ކައުންސިލް އިދާރާއިން ކޫޑިބޭސް ނެގުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މި ބޭސް ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާގެ ނަންބަރު 6520038 އަށް ރަސްމީ ގަޑީގައި ގުޅުއްވައި ނުވަަތަ ކައުންސިލަށް ދުރުވެ ނަންނޯޓު ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ. ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓު ކުރި ތަރުތީބުންކަމުގައި ވެސް އެ ކައުންސިލުން ހާމަކުރިއެވެ.

މަކުނުދޫގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީން ތަކެތި ގަތުމަށާއި، ކޫޑިބޭސް ބޭނުންވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި އެ ރަށު މެޓީރިއަލް ރިކަވަރީ ފެސިލިޓީގެ ސުޕަވައިޒަރު އިބްރާހިމްޝަރީފް (9197904) އަށް ގުޅުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.