"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ.
މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ.
ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަން ނައިވާދޫ އާއި ގްރޫޕް އޭ އިން ދެވަނަ ހޯދި މި ބުރު ހޯސްޓްކުރާ ރަށް ކަމަށްވާ ނޮޅިވަރަންފަރެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅޭ މި މެޗުތައް ނޮޅިވަރަންފަރު ކައުންސިލްގެ ޔޫޓިއުބް ޗެނަލުން އަންނަނީ ލައިވްކޮށް ދުރަށް ދައްކަމުންނެވެ.
ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ ނޯތު ރީޖަން (ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ)، ސެންޓްރަލް ރީޖަން (ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު)، ސައުތު ރީޖަން (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) އަދި މާލެ ރީޖަން (މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން) އެވެ.
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.
މި މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަނަކީ އިހަވަންދޫ އެވެ .ހއ. އަތޮޅަކީ ފުޓްސަލްގައި ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެއްނަމަވެސް އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަންޏެވެ. އެހެންވެ އެއަތޮޅު މުބާރާތުގައި ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. މި މެޗު ކާމިޔާބުކޮށް އިހަވަންދޫ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 5-0 އިން ފިއްލަދޫ ބަލިކޮށްގެންނެވެ.
ފާހަގަކޮށްލެވޭގޮތުގައި އެފްއޭއެމް އިން މިއަހަރު އަލަށް ފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/26 ފުޓްބޯޅަ މުބާރާތުގެ ހއ. ބުރުގައި ވެސް ވާދަކުރީ ދެ ޓީމެވެ. އެއީ އިހަވަންދޫ އާއި ދިއްދޫއެވެ. ނޯތު ރީޖަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ދިއްދޫ މިހާރު ވަނީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށް، 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެސް ވެފައެވެ.
ބޮޑުތިލަދުންމަތީގައި ހިމެނޭ އަނެއް އަތޮޅު ށ.އަތޮޅުން މި ދެ މުބާރާތުގައި ވެސް އެއްވެސް ޓީމެއް ނުފެނެއެވެ. އެކަމަކު، އެ އަތޮޅަކީ ވެސް ފުޓްސަލް އާއި ފުޓްބޯޅާގައި ވެސް ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!