ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މީގެކުރިން އާރްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ޚަރަދުތަކުގެ އިތުރުން ކުންފުނި ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ބަޖެޓުން މަހެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހެމުން ދިޔަ ކަމަށެވެ. ނަމަވެސް، ދެ ކުންފުނި އެއްކޮށްލުމާއެކު މި ޚަރަދުތައް މިހާރު ސަލާމަތްކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް ހިނގަމުންދާ ކުންފުނިތައް ހަރުދަނާ ކުރުމަށް ސަރުކާރުން ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ދަށުން، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމަށްޓަކައި "މާޖާ އެންޑް ލިކުއިޑޭޝަން އެގްރިމެންޓް" އެއްގައި ސޮއިކޮށްފައިވަނީ 28 މެއި 2025 ގައެވެ. މިއީ ސަރަހައްދީ އެއާޕޯޓްތަކަކީ މާލީގޮތުން ދެކޮޅުޖެހޭ ތަންތަނަށް ހެދުމަށް އެޅި ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކުން ލިބޭ އާމްދަނީއިން އެ ތަންތަން އަމިއްލައަށް ހިންގޭނެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ވަރަށް ބޮޑަށް ލުއިވެގެންދާނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުގެ އަދަދު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިހާތަނަށް އެއް ކުންފުނި އެއްކޮށް އުވާލާފައިވާއިރު، އިތުރު އެއް ކުންފުނި އުވާލުމުގެ ލިކުއިޑޭޝަން މަރުހަލާ މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ސަރުކާރުން ދަނީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަމުންނެވެ. މިގޮތުން ގެއްލުމުގައި ހިންގާ ކުންފުނިތައް އެއްކޮށްލުމާއި، ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށްދާކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.
• މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (އެމްއެސްސީ) އުވާލުން: އެމްއެސްސީ އުފެދުނު ދުވަހުން ފެށިގެން އެ ކުންފުނި އުފެއްދި މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީ، ސަރުކާރު ހިއްސާވާ ކުންފުނިތައް މަދުކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނި މިހާރު ވަނީ އުވާލާފައެވެ. ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި އެ ކުންފުނި އުވާލާފައިވަނީ އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ. އަދި އެ ކުންފުނީގައި ތިބި 12 މުވައްޒަފުން މިހާރު ވަނީ ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައެވެ.
• މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުން: އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ، 2 ސެޕްޓެމްބަރު 2024 ގައި ސަރުކާރުން ވަނީ އެމްއައިޓީޑީސީ އުވާލުމަށް ނިންމާފައެވެ. އެ ކުންފުނި އުވާލިއިރު މަސައްކަތް ކުރަމުންދިޔަ 10 މުވައްޒަފުން ތިބިއިރު، ކުންފުނި އުވާލުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަންކޮށް، ލިކުއިޑޭޓް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!