މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގެ ދަށުން މަސްތުވާތަކެތީގެ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭއައި ބޭނުންކޮށްގެން އެކި ކަންކަމަށް ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އެންޑީއޭގައެވެ. މިއަދު ސޮއިކުރި ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީ މި މަޝްރޫއުގެ ތެރެއިން ދިވެހިންނާ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ހޯދުމަށެވެ. އަދި އޭއައި ބޭނުންކޮށްގެން އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ފަސީހް ވިދާޅުވީ، ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަމަކީ އެހެން މީހަކާ ހިއްސާކޮށް ވާހަކަދައްކަން އެހާ ފަސޭހަ ކަންތައްތަކަކަށް ނުވެދާނެ ކަމަށެވެ.
"ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ،" އެފަދަ ހާލަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ފަސީހް ވިދާޅުވިއެވެ. "އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން [އަކީ މުހިންމު އަމާޒެއް]." ފަސީހް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަހުމުނާމާގެ ދަށުން އެންޑީއޭގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެކަންވެސް ފަސީހް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!