ޑިޖިޓަލް އައިޑެންޓިޓީ އަދި 'އީފާސް' އާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހދ. ކުޅުދުއްފުށި ސިޓީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފިއެވެ.

''އީފާސް'' ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން މި ވޯކްޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ އެވެ.

Ad
rt

އީފާސް އިން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޒަމާނީ ޑިޖިޓަލް އައިޑެންޓިޓީގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް 'އީފާސް' މެދުވެރިކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ އެކިއެކި ޚިދުމަތްތައް ހޯދުމުގައި ލިބިގެންދާ ފަސޭހަތަކާއި ލުއިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް އެ ފަރާތުން ބުނެއެވެ.

މި ވޯކްޝޮޕްގެ ސެޝަންތަކުގައި ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް (އތމ) އަދި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން އައިސީޓީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ (އެންޖީއޯ) މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އީފާސް އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފާސް ޓީމާއި ބައްދަލުކޮށް އީފާހާއި ބެހޭ މަޢުލޫމާތު ހޯދުމާއި، އިފާސް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ވަގުތުން ވަގުތަށް ޙައްލުކުރާނެގޮތުގެ މައުލޫމާތު މިއަދު ކުޅުދުއްފުށީ ސިޓީގައި މައުލޫމާތު ސެޝަނެއް ކުރިއަށްގެންދާނެއެވެ.

ކުޅުދުއްފުށީ ސިޓީގެ ގަލަދުން ޕާކުަގއި ބާއްވާ މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

އީފާސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. މިއީ އޮންލައިންކޮށް އަދި އަމިއްލައަށް ހާޒިރުވެގެންވެސް، ފަސޭހަކަމާއެކު އަމިއްލަ ހައިސިއްޔަތު އަންގައިދީ ކަށަވަރުކުރުމަށް ބޭނުންކުރެވޭ މުހިންމު ނިޒާމެކެވެ. އީފާސް މެދުވެރިކޮށް ސަރުކާރުގެ އެކި އޮފީސްތަކާއި ޕޯޓަލްތަކަށް ވަދެ، އޮންלލައިންކޮށް ޚިދުމަތް ހޯދާއިރު ފަސޭހައިން އައިޑެންޓިޓީ ކަށަވަރުކުރެވެއެވެ. އަދި މި ނިޒާމްގެ ތެރެއިން ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރެވެއެވެ. މި ނިޒާމުގެ ތެރެއިން ލިބޭނެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި އީސީ މައި ޕޯޓަލް (އިލެކްޝަންސް ކޮމިޝަން)، އާސަންދައިގެ ޚިދުމަތްތައް، ގެދޮރުވެރިން ޕޯޓަލް، ބިޒްނަސް ޕޯޓަލް އަދި ކަސްޓަމްސްގެ ޚިދުމަތްތައް، އައިޖީއެމްއެޗްގެ ރިޕޯޓް ބެލުމާއި މީހާގެ ސިއްހީ ރެކޯޑްސް ބެލުމާއި އަދި ޓްރާންސްޕޯޓާއި ގުޅޭ ޚިދުމަތްތައްފަދަ ގިނަ ޚިދުމަތްތަކެއް ލިބެންހުރެއެވެ.