ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު ކުރަމުންދިޔަ އެންމެހައި ވިޔަފާރި އަދި މާލީ މުއާމަލާތްތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލައިފި ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަފްރާ އަލް ހާމިލީ މި ނިންމުން އިއުލާނު ކުރައްވަމުން ވިދާޅުވީ، މިއީ މެދުއިރުމައްޗާއި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ބުރޫއަރާ ފަދަ ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުންތަކާ ގުޅޭގޮތުން ދެކެވޭ ތުހުމަތުތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
"އީރާނާއެކު ކުރެވޭ އެންމެހައި ވިޔަފާރި، ވިޔަފާރީގެ ބަދަލުކުރުންތައް އަދި މާލީ މުއާމަލާތްތައް ވަކި ގޮތެއް އަންގަންދެން ވަނީ ހުއްޓާލެވިފައި" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ނަމަވެސް، އިގްތިސާދީ ގުޅުންތައް މެދުކަނޑާލި ނަމަވެސް، ސުލްހައާއި ހަމަޖެހުމާއި ތަނަވަސްކަން ގާއިމުކުރުމަށްޓަކައި މަޝްވަރާއާއި އެއްބާރުލުން ދިނުމަށް ޔޫއޭއީން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް އަލް ހާމިލީ ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އެންމެ މަތީ މިންގަނޑުތަކަށް އެ ގައުމުގެ ސިޔާސަތުތައް ފެތޭކަން ކަށަވަރުކުރުމަށް ޔޫއޭއީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
މި ފިޔަވަޅަކީ ސިޔާސީ ގޮތުން ދެބަސްވުންތައް ހުރި ނަމަވެސް، ޒަމާނުއްސުރެ ވަރުގަދަ ވިޔަފާރި ގުޅުމެއް ބާއްވަމުން އައި އަވަށްޓެރި ދެ ގައުމުގެ މެދުގައި ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. ޔޫއޭއީގެ މި ނިންމުން އާންމުކޮށްފައި ވަނީ އަންގާރަ ދުވަހު ކޮން ބަޔެއްކަން ނޭނގޭ ބަޔަކު ޔޫއޭއީއަށް އަމާޒުކޮށް ފޮނުވާލި ކަމަށް ބެލެވޭ ދެ މިސައިލާ ގުޅިގެން، ރައްޔިތުންނަށް މިސައިލް އެލާޓް ނެރުނު ފަހުން، ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޔޫއޭއީން އެކަން އީރާނުގެ ބޮލުގައި އެޅުވިނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!