އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑޫ ސިޓީގައި ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފިއެވެ.
އައްޑޫގައި ކެމްޕޭން ލޯންޗުކުރެއްވުމަށްފަހު، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ޑޯރ-ޓު-ޑޯ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވަމުންނެވެ.
އައްޑޫ ސިޓީގައި ޝާހިދު ކުރިއަށް ގެންދަވާ ޕްރައިމަރީ ކެމްޕޭން ހަރަކާތްތަކުގެ އެންމެ އިސް ސަފުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރު ޑީޑީ ދަނީ ފެންނަމުންނެވެ. މި ދެ ބޭފުޅުންނަކީވެސް އައްޑޫގައި ބޮޑު ތާއީދެއް އޮތް ދެ ބޭފުޅުންނަށް ވާތީ، އެ ބޭފުޅުންގެ ތާއީދު ލިބިވަޑައިގަތުމަކީ އައްޑޫ ސިޓީގެ ތާއީދުގެ ތިލަފަތުން ޝާހިދަށް ބޮޑު ބުރަދަނެއް ލިބިގެންދާނެ ކަމެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ އަދި މާލޭގެ ޑަބްލިއުޑީސީގެ ރައީސާއިންނާއި، އައްޑުއަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކޯޗު ނިޒާމްބެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އެމްޑީޕީގެ ސިޔާސީ އިސް ފަރާތްތަކުން ވެސް ވަނީ ޝާހިދަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ޝާހިދު ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައިވަނީ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ. އަދި ހަމަ އެ ޖަލްސާގައި، އެމަނިކުފާނު އަދާކުރައްވަމުން ގެންދެވި އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވިއެވެ. މިއީ ޕާޓީގެ އެންމެ މަތީ މަޤާމުގައި ހުންނަވައިގެން ވާދަކުރެއްވުމުގެ ބަދަލުގައި، ހަމަހަމަ ފުރުޞަތެއް ޤާއިމުކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ޝާހިދު އައްޑޫގައި، ފޮޓޯ: ޝާހިދު ކެމްޕޭން ޓީމު
ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އައްޑޫގައި ކެމްޕޭން ފެއްޓެވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ މި ސަރުކާރުން ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ތަރައްޤީގެ ނިސްބަތުން އެ ސިޓީއަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދެއްވުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުލަވާލާ ސިޔާސަތުތަކަށް އެކި އުމުރުފުރާގެ ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވި ހަތަރު ދުވަހު ޝާހިދު ވަނީ މުޅި އައްޑޫ އަތޮޅުގައި ވަގުތު ހޭދަކުރައްވައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ އަޑު އައްސަވާފައެވެ. އެމްޑީޕީގެ ތާއީދު ބޮޑު އައްޑޫ ސިޓީގައި އެހެން ކެންޑިޑޭޓުންނަށްވުރެ ކުރިން ޝާހިދު ކެމްޕޭން ފެއްޓެވުމަކީ ޕްރައިމަރީގެ ނަތީޖާއަށް ބޮޑު ސްޓްރެޓީޖިކް ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާނު ކުރައްވާފައިވަނީ ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލެވެ. ފައްޔާޒު އަދި ރަސްމީކޮށް ކެމްޕޭން ނުފައްޓަވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ޝާހިދުގެ ކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރުގަދަކަމާއެކު ފުޅާކުރައްވާނެ ކަމަށް އެމަނިކުފާނުގެ ޓީމުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!