މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހި ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ބަހުސްގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ މޫސާ ވިދާޅުވީ، ގެންނަން ހުށަހަޅާފައިވާ ބަދަލަކީ މީރާ އުފެދި ޓެކްސް ނިޒާމު ޤާއިމުކުރެވުނުތާ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް އަދި އެއްވެސް ރައީސަކަށް މިކަން ކުރަން ނުކެރިފައި އޮތް ކަމެއްކަމަށެބެ. އަދި މި އިސްލާހަކީ ދައުލަތަށް ގެއްލިގެންދާ ގިނަ ފައިސާތަކެއް ދައުލަތުގެ ތެރެއަށް ވެއްދުމަށްޓަކައި ގެންނަ، ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

މީގެއިތުރުން އަލީ މޫސާ ވިދާޅުވީ، މި ބިލުގައި އެއްވެސް ޓެކްސްއެއް ބޮޑުކުރާ ވާހަކަ ބަޔާންކޮށްފައި ނުވާ ކަމަށެވެ. މީގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތައް ވިއްކައިގެން ޓްރެވަލް އޭޖެންޓުންނަށް ލިބޭ ކޮމިޝަނުން ޓެކްސް ދައްކާ ވާހަކަކަން އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ކުދި ޓްރެވަލް އޭޖެންޓުންނާއި ޒުވާނުން ހިންގާ އޭޖެންސީތަކުން މި ޓެކްސް ދައްކަންޖެހޭއިރު، ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމްތައް ކަމަށްވާ ބުކިންގ.ކޮމް، އަގޯޑާ އަދި އެއަރބީއެންބީ ފަދަ ތަންތަނުން މި ޓެކްސް ނެގޭނެ ނިޒާމެއް މީގެކުރިން ޤާއިމުވެފައި ނެތް ކަމަށް ވިދާޅުވިއެވެ.

އަވައްޓެރި ޤައުމުތަކުގައި މިފަދަ އޮންލައިން ޕްލެޓްފޯމުތަކާމެދު ޢަމަލުކުރާ ގޮތްތަކަށް އަލިއަޅުއްވާލައްވަމުން އަލީ މޫސާ ވިދާޅުވީ، ބައެއް ޤައުމުތަކުގައި އެ ޤައުމެއްގެ އެތެރޭގައި އެކައުންޓު ހުޅުވައިގެން ފައިސާ ޖަމާކުރަން ޤާނޫނުން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ޤައުމަކުން މިފަދަ ކަންކަން ޤާނޫނީ އޮނިގަނޑުން ބޭރުގައި ދޫކޮށްލާފައި ނުބަހައްޓާ ކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ޤައުމަކަށް މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.