"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ.
ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް ލަނޑު ޖަހައިދިން އަބާން ޖަހައިދިން ލަނޑެކެވެ.
މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނޭކުރެންދޫ އަށް ތިން ޕޮއިންޓް ކަށަވަރުވި ލަނޑު ޖަހައިދިނީ ފަހު ހާފުގައި އެޓީމުގެ ރާއީއެވެ. އެއީ އޭނާ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ކަނަށް ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ކުރިނބީ - ނޭކުރެންދޫ މެޗުގެ މޮޅު ކުޅުންތެރިޔާ ރާއިފް އަށް އިނާމް ހަވާލުކުރަނީ، ފޮޓޯ: ޗާލު ފޮޓޯ - ނާއިފް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނޭކުރެންދޫ އަށް ފުރަތަމަ ލަނޑު ޖައިދިން މުހައްމަދު ރާއިފްއެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް ޢަލީ ވިސާމް އެވެ.
ދެ ގްރޫޕަށް ބަހާލައިގެންކުޅޭ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ހދ. އަތޮޅު ބުރުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، މިނަތީޖާއާއެކު ގްރޫޕް ބީގެ ނޭކުރެންދޫ އަށް ދެ މެޗު ކުޅެގެން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެ ޓީމު ވަނީ ނައިވާދޫ އަތުން 1-3 އިން ބަލިވެފައެވެ. މި ގްރޫޕްގެ ނާވައިދޫ އަށް ނޭކުރެންދޫ އަތުން ލިބުނު މޮޅާއެކު އެއްމެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފައިވާއިރު، ކުރިނބީއަށް އެއްމެޗުކުޅެގެން އަދި ޕޮއިންޓެއް ލިބިފައެއްނުވެއެވެ.
ގްރޫޕް އޭގައި ނޮޅިވަރަންފަރު ވަނީ ހަނިމާދޫ އަތުން މޮޅުވެ ކުމުންދޫ އަތުން ބަލިވެފައެވެ. އެހެންކަމުން އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ޓީމަކަށް ތިން ޕޮއިންޓެވެ. މި ގްރޫޕްގައި ހަނިމާދޫ އާއި ކުމުންދޫ އަދި ކުޅުނީ އެންމެ މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!