އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 – މޯލްޑިވްސް ފޯލް މުބާރާތުގެ ޗެމްޕިއަންކަން ސިންޑިކޭޓް ހޯދައިފިއެވެ.

މި މުބާރާތުގެ ގަދަ ތިން ވަނަ ހޯދި ޓީމުތަކަށް ވަނީ ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިފައެވެ.

Ad
d

މާލޭގެ ޔޫތު ހަބްގައި 14 އޮގަސްޓު 2026 އާއި 15 އޮގަސްޓު 2026 ގައި ކުރިއަށްދިޔަ މި މުބާރާތުގެ ނޭޝަނަލް ފައިނަލްގައި ރާއްޖޭގެ އެންމެ ގަދަ 16 ޕަބްޖީ މޮބައިލް ޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އުރީދޫ ނޭޝަނެވެ.

ދެ ދުވަހުގެ މައްޗަށް ބަހާލައިގެން ކުޅުނު ފޯރިގަދަ 10 މެޗަށްފަހު، ޕީއެމްއެންސީ 2026 ގެ ޗެމްޕިއަންކަން ސިންޑިކޭޓް ހޯދިއިރު، ފަސްޓް ރަނަރއަޕްކަން ހޯދީ އެލްއެންއެން އެސްޑީއެމްޒެޑް (LNN SDMZ) އެވެ. އަދި ސެކަންޑް ރަނަރއަޕްކަން ހޯދީ ޑީސީއެމް ޑީއެމްޓީ (DCM DMT) އެވެ.

މި މުބާރާތުން ގަދަ ތިން ވަނަ ހޯދި ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 އިން ޖާގަ ލިބުމާއެކު، ރާއްޖޭގެ އީސްޕޯޓްސް ހުނަރުވެރިންނަށް ބައިނަލްއަޤުވާމީ ބޮޑު މައިޒާނަކަށް ނުކުތުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ ޒުވާން އީސްޕޯޓްސް އެތުލީޓުންނަށް ވާދަކޮށް، ކުރިއަރައި، ބައިނަލްއަޤުވާމީ ފެންވަރުގައި ހުނަރު ސާބިތުކޮށް، ބޮޑެތި މައިޒާންތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

"ރާއްޖޭގެ ތިން ޓީމެއް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ހޮވުމަކީ މުޅި ދިވެހި އީސްޕޯޓްސް އާއިލާއަށްވެސް ލިބުނު ފަޚުރެއް،" ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް މަރުޙަބާ ކިޔައި، ސަރަޙައްދީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމުގައި ކާމިޔާބީއަށް އެދެމުން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ގޭމިން އަދި އީސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ސިލްސިލާކޮށް އިންވެސްޓްކޮށް، މުޅި ރާއްޖޭގެ ގޭމަރުންނަށް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވެ ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދެމުންނެވެ.

Ad
df

މި މުބާރާތަކީ އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނަށް އާ ފުރުޞަތުތައް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ 'ޑިޖިޓަލް މޯލްޑިވްސް' ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އީސްޕޯޓްސްއަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސިނާޢަތަކަށް ވާތީ، އުރީދޫ ނޭޝަންގެ މަޤްޞަދަކީ ދިވެހި ޒުވާން ހުނަރުވެރިންގެ ފެންވަރު މަތިކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ފުރުޞަތުތައް ހޯދައިދިނުމެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް ލިބުނު ކާމިޔާބީއަށް މަރުޙަބާ ކިޔައި، ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ދިދަ އުފުލައިދިނުމުގައި އެ ތިން ޓީމަށް ކާމިޔާބީއަށް އެދިފައެވެ.