ކުރިން އަށް ގަޑިއިރު ޚިދުމަތް ދެމުން ދިޔަ، ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
ބިލެއްފަހީ ޞިއްޙީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ޢަލީ ސާމިރު ''ތިލަދުން'' އަށް ވިދާޅުވީ މި ބަދަލު ގެނައުމާއެކު މިހާރު އެ ރަށު ޞިއްޙީމަރުކަޒުގައި ފަސް ނަރުހުން މަސައްކަތް ކުރައްވާ ކަމަށާއި، ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުވުމާ ގުޅިގެން ލުއި ފަސޭހަކަމާއެކު، ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އާ އިމާރާތުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ އިމާރާތް ޤާއިމު ވެގެން ދިޔުމާއެކު އެ ރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެކަމަށް ވެސް ސާމިރު ވިދާޅުވިއެވެ.
ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލު ޚިދުމަތް ބަދަލުކުރެވުމާއެކު ކޮންމެ ހަފުތާއެއްގެ ވެސް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިއްހީ މަރުކަޒުގެ އޮފީހާއި އާންމު ޞިއްޙަތާއިބެހޭ ބައިގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން 14:00އަށް ކަމަށް އެ ރަށު ޞިއްޙީމަރުކަޒުން މަޢުލޫމާތު ދެއެވެ.
ބަލިމީހުން ބެލުމާއި، ލެބޯޓްރީގެ ޚިދުމަތްތައް އެމަރުކަޒުން ދުވާލުގެ ވަގުތުގައި ފޯރުކޮއްދޭ ގަޑިއަކީ ހެނދުނު 8:00 އިން 15:00 އަށެވެ. އޭގެ އިތުރުން ރޭގަނޑު ގެ ވަގުތުތައި ބަލިމީހުން ބެލުމާއި، ލެބޯޓްރީގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ 20:00 އިން 21:00 އަށް ކަމަށް ވެސް އެ މަރުކަޒުންވަނީ ހާމަ ކޮއްފައެވެ. އިންޖެކްޝަން ޖެހުމާއި ބޭސް އެޅުން ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ކުރިއަށް ދާނެކަމަށް ވެސް އެ ފަރާތުން ބުނެއެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އަދި ބަންދު ދުވަސްތަކާއި މަރުކަޒު ބަންދު ގަޑިތަކުގައި އެމަރޖެންސީކޮށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ޙާލަތްތަކުގައި މަރުކަޒުން ޚިދުމަތް ދޭނެ ވާހަކަ ވެސް މަރުކަޒުން ބުނެފައިވެއެވެ.
16 އޯގަސްޓް 2026 އިން ފެށިގެން މި ގެނެވުނު ބަދަލާއެކު އެ މަރުކަޒުން އޮންކޯލް ޚިދުމަތް ހޯއްދަވަން ގުޅުއްވާނީ 7541830، ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ، ސިތުނާ މުޙައްމަދަށް ކަމަށް އެ މަރުކަޒުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!