ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތައްޔާރު ކުރައްވައި ކައުންސިލްގެ ޚިޔާލު ހޯދުމަށް ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތުން ދިން ޖަވާބަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އީއައިއޭ ރިޕޯޓާ އެއްގޮތަށް ޢަމަލު ކޮއްދެއްވުމަށް ކަމަށް، މޮޅަދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ކައުންސިލްގެ ޚިޔާލު ހޯދުމަށް އެ ވުޒާރާއިން ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، ކައުންސިލުންވަނީ ރައްޔިތުންނާ ބައްދަލް ކުރައްވާފައެވެ،

Ad
rt

ރަށުގެ ހުޅަނގު ފަރާތް އާދަޔާ ޚިލާފަށް ގިރަމުން ދިޔުމަކީ މިއަދު އެ ރަށުގެ ކޮންމެ ފަރުދެއްގެ ވެސް ކަންބޮޑުވުމެއްކަމުގައި ކައުންސިލުން ބުނެއެވެ.

މޮޅަދޫ ކައުންސިލުން ބޭއްވި ރައްޔިޔުންގެ ބައްދަލުވުމުގައި ކައުންސިލަރުން، ފޮޓޯ: މޮޅަދޫ ކައުންސިލް

އެ ގޮތުން ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން، އެ ރަށުގައި ކުރިއަށް ގެންދިޔަ ޚަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް ދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކުގައެވެ. މިގޮތުން އެ ޚަރަކާތުގެ ތެރެއިން އެރަށުގެ ގިރަމުންދާ ގޮނޑުދޮށުގައި ތިބެ، ރަށުގެ ރައްޔިތުން ވަނީ އެކަމާ ގުޅޭ ޝުއޫރާއި އިލްތިމާސްގެ މެސެޖު ހިމެނޭ ބޯޑުތައް ދައްކާލައިފައެވެ.

އެ ޚަރަކާތަށް ފަހުގައި ވެސް، ރަށް ގިރުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެކިއެކި ވުޒާރާތަކަށް އެކަމާ ގުޅޭ ސިޓީތައް ފޮނުވަމުން ދިޔަކަމަށް މޮޅަދޫ ކައުންސިލްގެ ރައީސް ޢަބްދުލް މުޙްސިން " ތިލަދުން " އަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މުޙްސިން ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ދިމާވާން ފެށީ އެ ރަށުގެ ފަޅު ހެދުމާ ގުޅިގެންކަމަށެވެ. އީއައިއޭ ( އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް) ރިޕޯޓަކީ ފަޅު ހެދުމުގެ ކުރިން ސަރުކާރުން ހަދާފައި އޮތް ދިރާސާ ރިޕޯޓެއް ކަމަށާއި، ފަޅު ހެދި އިރު ޢަމަލުކޮއްފައި އޮތީ އޭއައިއޭ ރިޕޯޓާ އެއްގޮތަށް ނޫންކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި މަޝްވަރާ ބައްދަލްވުމުގައި ހުރިހާ ރައްޔިތުން ވެސް އިއްތިފާޤްވީ، ފަޅު ހެދުމަށްޓަކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް، އީއައިއޭ ރިޕޯޓާ އެއްގޮތަށް ޢަމަލު ކޮއްދިނުމަށްކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.