އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިނގިރޭސިވިލާތަށް ފުރައްސާރަކުރުމުގެ ގޮތުން "އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓަން" ގެ ނަމުން މުޚާތަބުކޮށްފިއެވެ.

އިސްރާއީލް އާމީ ރޭޑިއޯގެ އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި އިނގިރޭސިވިލާތުން އިސްރާއީލަށް ކުރި ތާއީދާއި، މިހާރުގެ އިނގިރޭސި ސަރުކާރާއި މީޑިއާގެ ސިޔާސަތުތަކާ އަޅާކިޔައި ފާޑުކިޔާފައެވެ.

Ad
rt

ނަތަންޔާހޫގެ މި ވާހަކަތަކުގައި، އިނގިރޭސިވިލާތަކީ ނިއުކްލިއަރ ހަތިޔާރު ހުރި ފުރަތަމަ “އިސްލާމީ ރިޕަބްލިކަށް” ވެދާނެކަމަށް ބުނެ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ކުރިން ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ މިހާރުގެ ލޭބަރ ސަރުކާރާއެކު އިސްރާއީލުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ނަތަންޔާހޫ ދެއްކި މި ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތުންނާއި އިސްރާއީލުގެ އެތެރެއިންވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ގައްޒާ ހަނގުރާމައާއި އިނގިރޭސިވިލާތުގެ އަސްކަރީ އެހީތެރިކަން

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމަށް އިނގިރޭސިވިލާތުން ބޮޑެތި އަސްކަރީ އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށް ބުނެވޭ ބުނުންތަކާ ގުޅޭގޮތުން ބަލާއިރު، އިނގިރޭސިވިލާތަކީ އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެއް ނޫނެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ލޭބަރ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފުވުމުގެ ފުރުޞަތު އޮތުމުން، އިސްރާއީލަށް ހަތިޔާރު ވިއްކުމަށް ދޫކޮށްފައިވާ 350 އަށްވުރެ ގިނަ ލައިސަންސްގެ ތެރެއިން 30 ލައިސަންސެއް ހިފަހައްޓާފައެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުން ވަނީ ޣައްޒާގެ މަތިން ޖާސޫސީ އުދުހުންތައް ހިންގާފައެވެ. ނަމަވެސް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި އުދުހުންތަކަކީ ހަތިޔާރާ ނުލައި، ހަމައެކަނި ރަހީނުން ތިބި ތަންތަން ހޯދުމުގެ ބޭނުމުގައި ހިންގާފައިވާ ހަރަކާތްތަކެއް ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އިނގިރޭސިވިލާތުން އަމަލީ ގޮތުން ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ގައުމުން ވަނީ ދޮގުކޮށްފައެވެ.

އީރާނާއެކު އުފެދިފައިވާ ނުތަނަވަސްކަން

އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދޭން ފެށި ހަމަލާތަކުގައި އިނގިރޭސިވިލާތުން ބައިވެރިވެފައެއް ނުވެއެވެ. މި ހަނގާރަ މައިގަނޑުގޮތެއް ހިނގި ދުވަސްވަރު އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވި ކިއަރ ސްޓާމަރ ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ މައްސަލައަށް ހައްލެއް ހޯދަންޖެހޭނީ ވާހަކައްދައްކައިގެން ކަމަށެވެ.

ނަމަވެސް، އިނގިރޭސި އަސްކަރިއްޔާއިން ވަނީ ސަރަހައްދީ ރައްކާތެރިކަމަށްޓަކައި އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމުގެ ދިފާއީ އޮޕަރޭޝަންތަކުގައި ބައިވެރިވެފައެވެ. އަދި އެމެރިކާއިން ދިފާއީ ބޭނުންތަކަށް އިނގިރޭސިވިލާތުގެ ބައެއް އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ އީރާނަށް ހަމަލާދިނުމުގެ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިނުވާނެކަން ތަކުރާރުކޮށް ހާމަކޮށްފައެވެ.