މިއަންނަ 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރުކަމަށާއި މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި އެޕިސޯޑުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢުކަން ފާހަގަކުރައްވާ، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މިކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ހާއްސަކޮށްގެން ގެނެސްދިން މިއަދުގެ އެޕިސޯޑްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކުރެއްވިއިރު، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.