އުރީދޫ ނޭޝަން މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި ރާއްޖޭގެ އެންމެ މޮޅު 16 ޓީމު ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި އީ-ސްޕޯޓްސްގެ މާހައުލު ކުރިއަރުވައި، ހުނަރުވެރި ދިވެހި ގޭމަރުންނަށް ޤައުމީ ފެންވަރުގެ މުބާރާތްތަކުން ފެށިގެން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް އުރީދޫ ނޭޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.

Ad
rt

ނޭޝަނަލް ފައިނަލްސްގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށްދާނީ 14 އޮގަސްޓު އަދި 15 އޮގަސްޓު ދުވަހު މާލޭގެ ޔޫތު ހަބްގައެވެ. ކޮންމެ ދުވަހަކު ފަސް މެޗާއެކު، ޖުމްލަ 10 މެޗު ކުޅުމަށްފަހު ރާއްޖޭގެ އެންމެ މޮޅު ތިން ޓީމު ކަނޑައެޅިގެންދާނެ ކަމަށް އުރީދޫ ނޭޝަނުން ބުންޏެވެ.

މި މުބާރާތުގެ ނޭޝަނަލް ފައިނަލްސްގެ ދަތުރު ފެށުނީ އިން-ގޭމް ކޮލިފަޔާ މެޗުތަކުންނެވެ. މި މެޗުތަކުގައި ގިނަ އަދަދެއްގެ ޓީމުތަކުން ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ވާދަކުރިއިރު، މީގެ ތެރެއިން އެންމެ ކުރީގައި އުޅޭ 32 ޓީމު ވަނީ "ގްރޫޕް އޮފް 32" އަށް ކޮލިފައިވެފައެވެ. އެ ޓީމުތައް 16 ޓީމުގެ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު ވާދަވެރި މެޗުތަކަށްފަހު، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމަށް ވަނީ ނޭޝަނަލް ފައިނަލްސްއިން ޖާގަ ލިބިފައެވެ.

އީ-ސްޕޯޓްސްގެ ސަޕޯޓަރުންނަށް މާލޭ ޔޫތު ހަބަށް ގޮސް މި މެޗުތައް ވަގުތުން ބަލާލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މެޗުތައް ކުރިއަށްދާނީ 14 އޮގަސްޓު އަދި 15 އޮގަސްޓު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މީގެ އިތުރުން، އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވެސް މުބާރާތް އޮންލައިންކޮށް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޕީއެމްއެންސީ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރޝިޕް ނެގުމާއެކު، އުރީދޫ ނޭޝަނުން ދަނީ ދިވެހި އީ-ސްޕޯޓްސް އެތުލީޓުންނަށް ރާއްޖެއިން ބޭރުގެ ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުގެ ދާއިމީ އަދި އިންތިޒާމުވެގެންވާ މަގެއް ތަނަވަސްކޮށްދެމުންނެވެ. ރާއްޖޭގައި ވާދަވެރި ގޭމިންގ ކުރިއަރަމުންދާއިރު، އުރީދޫ ނޭޝަނުން ދެމިތިބީ އީ-ސްޕޯޓްސްގެ އާ ޖީލެއް އުފައްދައި، ދިވެހި ކުޅުންތެރިންގެ ހުނަރު ރާއްޖެއިން ދެކުނު އޭޝިއާއަށާއި ދުނިޔޭގެ ފެންވަރަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައެވެ.

ޕީއެމްއެންސީ އަކީ ޓެންސެންޓް ގޭމްސްއިން އިންތިޒާމުކުރާ މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ މި މުބާރާތަކީ ދިވެހި ޓީމުތަކަށް ދެކުނު އޭޝިއާގެ ސަރަޙައްދީ މުބާރާތަށް ކޮލިފައިވެ، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކާ ހަމައަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިދޭ ރަސްމީ މަގެއް ކަމަށް އުރީދޫ ނޭޝަނުން ބުންޏެވެ.

މި މުބާރާތަކީ ހަމައެކަނި ޤައުމީ ތަށި ހޯދުމުގެ މުބާރާތެއް ނޫނެވެ. މޯލްޑިވްސް ނޭޝަނަލް ފައިނަލްސްއިން އެންމެ މޮޅު ތިން ޓީމު ޕީއެމްއެންސީ ސައުތު އޭޝިއާ ރީޖަނަލް ލީގު ސްޓޭޖަށް ކޮލިފައިވާނެއެވެ. އެ ސްޓޭޖުގައި ސަރަޙައްދުގެ އެންމެ މޮޅު 24 ޓީމުގެ ތެރެއިން ގަދަ 16 އަށް ވަނުމަށް ވާދަކުރާނެއެވެ. ރީޖަނަލް ލީގު ސްޓޭޖުން ހޮވޭ 16 ޓީމު ވާދަކުރާނީ ޕީއެމްއެންސީ ސައުތު އޭޝިއާ ގްރޭންޑް ފައިނަލްސްގައެވެ. އަދި އެ މުބާރާތުން އެންމެ މޮޅު ތިން ޓީމަށް ޕަބްޖީ މޮބައިލް ގްލޯބަލް އޯޕަން (ޕީއެމްޖީއޯ) އިން ޖާގަ ލިބޭނެއެވެ.