ށ. މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން، އެރަށަށް ނިސްބަތްވާ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު / ޙުސެންބެ)ގެ ހަނދާނުގައި ބާއްވާ "އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖުމްލަ 9 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ.
އެއީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 24 އަހަރުން ދަށް އަދި 24 އަހަރުން މައްޗެވެ.
6 އަހަރުން ދަށުން ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ޚާއްޞަ ހަދިޔާއެއް ދިނުމަށް ކަނޑައަޅާފައިވާނެކަމަށް މަރޮށީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން ކޮންމެ އުމުރު ފުރާއަކުން ވަނަވަނައަށް ދާ ބައިވެރިންނަށް ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެ ގޮތުން ކޮންމެ ޢުމުރު ފުރާއަކުން:
- އެއްވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 1000.00 ރުފިޔާގެ ފައިސާގެ އިނާމު،
- ދެވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 700.00 ރުފިޔާގެ ފައިސާގެ އިނާމު،
- ތިންވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 500.00 ރުފިޔާގެ ފައިސާގެ އިނާމް.
އަދި މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިންނަށް ޓްރޮފީ، ސެޓްފިކެޓް އަދި 1000.00 ރުފިޔާގެ ފައިސާގެ އިނާމް ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
މުޅި މުބާރާތުން ހޮވާ ވަނަތައް:
- އެއްވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 5000.00 ރުފިޔާގެ ފައިސާގެ އިނާމް.
- ދެވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 3000.00 ރުފިޔާގެ ފައިސާގެ އިނާމް.
- ތިންވަނަ: ޓްރޮފީ، ސެޓްފިކެޓް އަދި 2000.00 ރުފިޔާގެ ފައިސާގެ އިނާމް.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ އިން 12 ސެޕްޓެމްބަރާއި ހަމައަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 13 އޯގަސްޓް 2026ވާ ބުރާސްފަތި ދުވަހެވެ.
މަރޮށީ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ އަކީ މަރޮއްޓަށް އުފަން، އިސްލާމްދީނަށާއި ތަޢުލީމަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ދިވެހިރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިކަމަށްވާ ''އެމްއެޗްއޭ''ގެ ބާނީ އެވެ. އޭނާ ވަނީ މުޖު ޢުތަމަޢަށް ހެޔޮ ފޯރުކޮށްދިނުމާއިގުޅޭ ގިނަ އިންސާނީ އަދި އިޖުތިމާޢީ މަސައްކަތްތަކެއް ހިލޭސިސޭހައަށް ކޮށްދެއްވާފައެވެ. މަރްޙޫމްގެ ޚިދުމަތްތަކުގެ ތެރޭގައި އަމިއްލަފުޅު ޚަރަދުގައި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ދީނީ ކަންކަން އޮޅުންފިލުވައިދެއްވުމާއި، ށ. އަތޮޅުގެ ރަށްރަށުން ދަރިވަރުންނަށް ދީނީ ތަޢުލީމު ހޯދައިދިނުމަށް ރާއްޖެއިން ބޭރަށް (ޚާއްޞަކޮށް ޕާކިސްތާނަށް) ކުދިން ފޮނުއްވައިގެން ކިޔަވައިދެއްވުމަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވުމާއި އަދި އަމިއްލަ ފައިސާއިން ޚަރަދުކުރައްވައިގެން ރަށުގައި މަދަރުސާއެއް ބިނާކުރައްވައި ތަޢުލީމު ފެތުރުމަށް މަސައްކަތްޕުޅު ކުރެއްވުން ހިމެނެއެވެ.
މަރްޙޫމް ޙުސައިން ޢަބުދުﷲ ނިޔާވީ 2020 މެއި 14 ވަނަ ދުވަހުގެ ރޭ ކޮވިޑް-19 ބަލީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!