ށ. ނަރުދޫ ކައުންސިލުން، އެ ރަށުގައި ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުންކަމުގައި ނަރުދޫ ކައުންސިލްގެ ނައިބްރައީސް އަޙްމަދު މާހިރު ވިދާޅުވިއެވެ. އަދި ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމަކީ ވެސް ކައުންސިލްގެ އަމާޒެއްކަމުގައި މާހިރު ވިދާޅުވިއެވެ.
"ހޭންޑްބޯލްގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، މި ކަމަށް އޮތް ޝައުޤުވެރިކަން ވަރަށް ކުޑަ. އެހެންކަމުން، މި ކައުންސިލުން ބޭނުންވަނީ، އަލުން އަނބުރާ އެ ކުޅިވަރު އިޢާދަކުރުމަށް." ނައިބްރައީސް މާހިރު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރު ވެސް އެ ކައުންސިލުން އިޢުލާން ކުރި ހޭންޑްބޯޅަ ކައުންސިލް ކަޕްގައި ވާދަ ކުރުމަށް ޓީމްތައް ހަމަވެފައި ނުވާތީ، އެ މުބާރާތް ކެންސަލް ކުރަން ޖެހުނުކަމަށާއި ހޭންޑްބޯޅައަށް އެ ރަށުގެ ޒުވާނުންގެ ޝައުޤުވެރިކަން ކުޑަވެފައިވާކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. މި ފަދަ ކަންބޮޑުވުންތަކާއެކު އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހޭންޑްބޯޅަ ޓްރެއިނިން ޕްރޮގްރާމަކީ ރަށުގެ 10 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް ވެސް ބައިވެރިވެވޭނެ ޕްރޮގްރާމެކެވެ. އެއްވެސް ފީ އަކާ ނުލައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކައުންސިލުންވަނީ ރައްޔިތުންނަށް ފަސޭހަ ގޮތެއް ހޯދައިދެއްވާފައެވެ.
7863767 ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ.
މީގެ އިތުރުން ނަރުދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި އެ ރަށުގެ ރަމްޒު ސްޕޯޓްސް އެކަޑެމީގެ ހުރިހާ ދަރިވަރުންނަށާއި ކޯޗުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދެއްވާފައެވެ. އޭގެ އަމާޒަކީ އެ ޕްރޮގްރާމަށްފަހުގައި ވެސް، ހޭންޑްބޯލް ކުރިއެރުވުމުގައި އެ ފަރާތްތަކުގެ ދައުރު ނަރުދޫގައި ބޮޑުވާނެތީއެވެ.
މި ޚާއްސަ ޓްރެއިނިން ޕްރޮގްރާމަށް ޒުވާން އަންހެންކުދިންގެ ތަރުޚީބު ވަރަށް ބޮޑަށް ލިބެމުންދާކަމަށް ނައިބްރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!