ހދ. ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި، މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުމަކީ އެ ރަށު ކައުންސިލާއި، ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

Ad
rt

ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، ބިދޭސީންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމާއި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހދ. ނައިވާދޫއަކީ ކުށްމަދު، އަމާން އަދި ރައްކާތެރި މުޖުތަމައެއްގެ ގޮތުގައި ބޭއްވުންކަމަށް ހދ. އަތޮޅު ޕޮލިހުން ބުނެފަވެއެވެ.

ހދ. ނައިވާދޫ އަކީ ރާއްޖޭގެ ނިސްބަތުން ކުށްމަދު އަމާން ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ހދ. ޕޮލިހުން އަންނަނީ އެ އަތޮޅުގެ ރަށްރަށުގައި ގާއިމުކޮށްފައި ހުރި ޕޮލިސް ސްޓޭޝަންތަކާއި ޕޯސްޓްތައް މެދުވެރިކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.