ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮން ޝިއަންހު ހަނިމާދޫ ސްކޫލަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތާ ގުޅޭގޮތުން ހަނިމާދޫ ސްކޫލުން ބުނީ، ޗައިނާގެ އިސް ވަފުދެއްގެ ބޭފުޅުން ސްކޫލުގެ ކެމްޕަހާއި، ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ އެކި ވަސީލަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން، ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ (އެސް.އެމް.ޓީ) އެކު ބޭއްވުނު ބައްދަލުވުމެއްގައި ސްކޫލުގެ ކުރިއެރުމަށާއި، ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް އެ ސްކޫލުން ބުންޏެވެ.

ޗައިނާ ސަފީރު ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރެއްވުން، ފޮޓޯ: ހަނިމާދޫ ސްކޫލް

މި ބައްދަލުވުމުގެ ތެރެއިން، ހެޔޮ އެދުމުގެ ރަމްޒެއްގެ ގޮތުން ޗައިނާގެ ވަފުދުން ވަނީ ހަނިމާދޫ ސްކޫލަށް ލެޕްޓޮޕެއް ހަދިޔާކުރައްވާފައެވެ.

ހަނިމާދޫ ސްކޫލުން ވަނީ ޗައިނާގެ ސަފީރާއި ވަފުދުގެ ބޭފުޅުން ދެއްވި ވަގުތަށާއި، ދެއްވި އަގުހުރި އިރުޝާދުތަކުގެ އިތުރުން ވެދެއްވި ދީލަތި އެހީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ޗައިނާ ސަފީރު ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރެއްވުން، ފޮޓޯ: ހަނިމާދޫ ސްކޫލް

ޗައިނާ ސަފީރު ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރަށްވާފައި މިވަނީ ހަނިމާދޫގައި ޗައިނާގެ، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދެވި ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތާއި، މި ސެންޓަރަކީ ޗައިނާ ސަރުކާރުގެ ވެސް ބައިވެރިވުމާއެކު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކުރި ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރާ މަރުކަޒު، "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

ހަނިމާދޫ ސްކޫލަކީ ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.