ހދ. ނޮޅިވަރަންފަރު ބަނދަރު މަޝްރޫޢުގެ ތެރެއިން މަސްވެރިންނަށް ޚާއްޞަ ޖެޓީއެއް އެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބާރުލުންދޭނެކަމަށް އެ ވުޒާރާއިން ބުނެފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިހާރު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރިކަންކަމާއި ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތަފްސީލްދެމުން ނޮޅިވަރަންފަރު ކައުންސިލުން ބުނީ، އެ ކައުންސިލުން ވަނީ ގަސްކާނާއާއި ބޭސް ލިބުމުގެ ދަތިކަމާއި ރަށުގެ ފެން ފަށަލަ ތަޣައްޔަރު ވުމުގެ މައްސަލައިގެ އިތުރުން އެގްރޯ ނެޓް އަދި މެޕް މަޝްރޫޢުތަކުގައި ހުރި ގޮންޖެހުންތައް ވަޒީރާއި ހިއްސާ ކުރަށްވާފައިކަމަށެވެ.
މި ބައްދަލުވުމުގައި ނޮޅިވަރަންފަރުގެ ރުއްތަކަށްޖެހޭ ބަލިތަކަށް، ހަނިމާދޫ ލެބް މެދުވެރިކޮށް ޙައްލު ހޯދައިދީ، އެ ރަށުގެ ބަނދަރު މަޝްރޫޢުގެ ތެރެއިން މަސްވެރިންނަށް ޚާއްސަ ޖެޓީއެއް އެޅުމަށް އެއްބާރުލުން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދު ކަނދުފަތި އެޅުމުގެ މަޝްވަރާ ވެސް މި ބައްދަލްވުމުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެއާއެކު ސްޕޯޓްސް ފިޝިންގއަށް ހުރި ދަތިތައް ޙައްލުކޮށްދީ، ދަނޑުވެރިކަމާއި މަސްވެރިކަން ކުރި އެރުވުމަށް ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ވަޒީރުދެއްވިކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުންޏެވެ.
ވަޒީރުގެ މި ދަތުރުގައި ގެންދަވަނީ ވަޑައިގަންނަވާ ރަށްތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ޙާލަތު އޮޅުންފިލުއްވައި، އިތުރަށް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން އެ ކައުންސިލްތަކާ މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވަމުންނެނެވެ.
މީގެ އިތުރުން މި ދަތުރުގައި ކުދި ރުކުމަޑި ( ކޮކޮނަޓް ބީޓްލް ) ކޮންޓްރޯލް ކުރުމަށްޓަކައި ޕެސްޓްސައިޑް ކައުންސިލްތަކަށް ގެންދަވަނީ ހަދިޔާ ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!